މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެ ޕާޓީގެ ޓިކެޓް، ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދެއްވަން ޕާޓީގެ ކައުންސިލްއިން ރޭ ނިންމައިފިއެވެ.
އެގޮތަށް ނިންމެވީ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ
ޕީޕީއެމްއިން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕްރައިމަރީ އަކާ ނުލައި ރައީސް ޔާމީނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ..
އަދުރޭ ވިދާޅުވީ އެގޮތަށް ކައުންސިލް އިން ނިންމީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 91 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ. އަސާސީ ޤަވާއިދުގެ 91 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީ އިން އެ ފުރުސަތު ދޭން ޖެހޭކަމަށެވެ.
ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްޤީއާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ދޭން ޖެހޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
. މީގެ އިތުރުން އަދުރޭ ވިދާޅުވީ ކުރިޔަށް މިއޮތް ދައުރުގައިވެސް މުހިންމު ކަންތައްތަކެއް ކުރުމަށް އެމަނިކުފާނުގެ ވިސްނުން ހުންނެވުމާއެކުގައްޔާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށް އެމަނިކުފާނަށް އިތުރު ދައުރެއް ދެއްވަވަން ޖެހޭކަމަށެވެ.