އިޓާލިއަން ލީގުގެ ފަހު މެޗުގައި ލާޒިޔޯ ބަލިކުރުމަށްފަހު ހަތް އަހަރު ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުން އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.
ހަ އަހަރު ފަހުން ލާޒިޔޯ ބަލިކޮށް އިންޓާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވަނީ ލާޒިޔޯ 3-2 ލަނޑުން ބަލިކުރުމަށް ފަހުގައެވެ.
އިޓާލިއަން ލީގުން ހަތަރު ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބޭ ހަތަރު ވަނަ މަގާމް އިންޓަ ކަށަވަރުކުރީ ލާޒިއޯއާއި އިންޓައަށް ވެސް 72 ޕޮއިންޓް ލިބިފައިވުމުން ހެޑް-ޓު-ހެޑް އިން އިންޓައަށް ކުރި ލިބޭތީއެވެ.ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ އިންޓަ ކަށަވަރު ކުރި އިރު އަނެއް ތިން ޖާގަ ކަށަވަރުކުރީ ޗެމްޕިއަން ޔުވެންޓަސް އާއި ދެ ވަނަ ނަޕޯލީ އަދި ތިން ވަނަ ހޯދި ރޯމާ އެވެ ލާޒިޔޯ އަށް ލީގުގެ ފަސްވަނަ ލިބުނުއިރު އެޓީމު އަންނަ ސީޒަނުގައި ވާދަކުރާނީ ޔޫރޮޕާ ލީގުގައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓްގައި އިންޓަގެ އިވާން ޕެރިސިޗް އަތުން ބައިކޮޅަށް ވަދެފައިވާއިރު އިންޓައިން ވަނީ މެޗުގެ 29 ވަނަ މިނެޓްގައި ޑި އަމްބްރޯސިއޯގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އިންޓައިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮމޭސް ވަނީ ދެވަނަ ފަހަރަށް ލާޒިޔޯ އަށް ލީޑު ނަގާދީފައެވެ. މި މެޗުގައި ދެވަނަ ފަހަރަށް އިންޓަ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 78 ވަނަ މިނެޓްގައެވެ. އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މައުރޯ އިކާޑީއެވެ.
އިންޓަ އިން ނަތީޖާ އެއްވަރުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރެފްރީ ވަނީ ލާޒިޔޯގެ ލުލިޗް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ އިންޓަގެ ބްރޮޒޮވިޗް އަށް ކުރި ފައުލަކާ ގުޅިގެންނެވެ
10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ލާޒިޔޯ އިން ފުރިހަމަކުރަން ޖެހުނުއިރު މެޗުގެ 81 ވަނަ މިނެޓްގައި ވެޗީނޯ ވަނީ މި މެޗުން އިންޓަ މޮޅުކޮށްދީ އެޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މިއީ 2012 ވަނަ އަހަރަށްފަހު އިންޓަ ޗެމްޕިއަންސް ލީގަށް ކޮލިފައިވި ފުރަތަމަ ފަހަރެއެވެ.