ރާއްޖޭގައި ނަޝީދަށްވުރެ އަމިއްލަ އެދުން ބޮޑު ސިޔާސީ ބޭފުޅަކުނެތް ކަމަށް ފިޝަރިޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ރައީސް ނަޝީދު އެކަނި ކުރިމަތިލެއްވުމުން އެކަމާ ގުޅުވައިގެން ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަހަކުވެސް ނަޝީދުހާ އަމިއްލަ އެދުން ބޮޑު ސިޔާސީ ބޭފުޅަކު ރާއްޖެއިން ނުދެކޭ ކަމަށެވެ.
ނަޝީދުގެ މުޅި ސިޔާސީ ޙަޔާތުގައިވެސް އެ ޕާޓިން އެހެން ބޭފުޅުންނަށް ވާދަކުރައްވަން ފުރުޞަތު ނުދެއްވާތާގައި އިންތިހާބުގައި ވާދަކުރުމުގެ ގާނޫނީ ދޮރުތައް ބަންދުވެފައި ވާއިރުވެސް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން ރައީސް ނަޝީދު އެހެން ބޭފުޅަކަށް ފުރުޞަތު ނުދެއްވި ކަމަށް ޝައިނީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ..
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމެރީ އަށް ރައީސް ނަޝީދު އެކަނި ކުރިމަތިލެއްވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު އެކަނި ވާދަކުރެއްވި ނަމަވެސް އެއްވެސް އިންތިޚާބެއްގައި ނަޝީދުއަށް ވާދަކުރެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ..