ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ސ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ސަރަޙައްދުތަކަށެވެ. މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޖެހޭނެ ކަމަށް ލަފާކުރަނީ ދެކުނާއި ހުޅަނގުދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރިނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.
ވައިޓް އެލާޓް:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.