English Edition
Dhivehi Edition

ލިޔުނީ : މުހައްމަދު ހިޒްޔަމް ހާމިދު (ސ. އަތޮޅުމަދަރުސާ ސްކޫލް މީޑިއާ)

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެމީހެއްގެ ހުނަރުތައްވެސް ތަފާތުވާނެއެވެ. އުޅުމުގެ ގޮތާއި ބައްޓަން ތަފާތުވާނެއެވެ. ދައްކަން މިއުޅެނީ އައްޑުއަތޮޅު މީދޫގެ ފުޓްބޯޅައިގެ އަރަމުންދާ ތަރިއެއްގެ ވާހަކައެކެވެ. ކުޅުމުގެ ހުނަރާއި އެކަމުގެ ހިތްވަރު ހުރި ޤާބިލް ދަރިއެއްގެ ވާހަކައެވެ. ސ.އަތޮޅު މަދަރުސާގެ ގްރޭޑް 9ގައި ކިޔަވަމުން އަންނަ ރަޔަން މުއްސަދު މަންސޫރަކީ މި ފަދަ ފަޚުރުވެރ ދަރިއެކެވެ..

ރަޔަން އަކީ ކުޑައިރުއްސުރެން ފުޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ކުޑައިރުވެސް އެކުވެރިންނާއެކު ކުޅެ ހެދިއެވެ. ދުވަސްތައް ފާއިތުވަމުން އައިސް، ރަށު ފެންވަރުގެ މުބާރާތްތަކުގައި ރަޔަން ކުޅެން ފެށިއެވެ. އަދި ރަށުގެ އެހެން މޮޅު ކުޅުންތެރިންނާއެކު އެއްފަންތިއަކަށް ވާދަކުރަން ފެށިއެވެ.

ރަޔަން ޝަމްސުއްދީން ސްކޫލުގައި އުޅުނު ދުވަސްވަރު އިންޓަރ ހައުސް މުބާރާތްތަކުގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ކުޅުނެވެ. ޓޮޕް ސްކޯރާރ އިން ފެށިގެން ބެސްޓް ޕްލޭޔަރ އަކީ ކޮންމެ ފަހަރަކުވެސް ރަޔަން ހޯދާ މަޤާމެކެވެ.

ހަމައެހެންމެ، ޝަމްސުއްދީން ސްކޫލުން ބައިވެރިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައިވެސް، ރަޔަންގެ ހުނަރު ނިކަން ރަނގަޅަށް ފެނިގެން ދިޔައެވެ.

ސ.އަތޮޅު ސްކޫލަށް ވަނުމަށްފަހު، އެ ސްކޫލްގެވެސް ފުޓްބޯޅައިގެ އެއްތަރިއަކީ ރަޔަން އެވެ. އިންޓަރ ހައުސް މުބާރާތްތަކުގައި ރަޔަންގެ ކުޅުން ވަރަށް ފުރިހަމަކަން ފާހަގަވެއެވެ. އަދި ހަމައެހެންމެ، އިންޓަރ ސްކޫލް މުބާރާތްތަކުގައި ކުޅޭ އެންމެ ވަރުގަދަ އެއް ކުޅުންތެރިއެއްގެ ގޮތުގައި ރަޔަން ވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވި ބެސްޓް ފުޓްސަލް ޓޯރނަމެންޓްގައި ރަޔަން ވަނީ އަޚުން ޓީމަށް ކުޅެފައެވެ. މިޓީމުގައި ރަޔަންއާ އެއް އުމުރުފުރާއެއްގެ ކުދިންވެސް ކުޅުނެވެ.

މުބާރާތުގައި އަޚުން ޓީމަށް ގިނަ ކާމިޔާބީ ރަޔަން ހޯދައިދިނެވެ. މިއީ ކޮންމެޔަކަސް، އަޚުން ޓީމުގެ އެހެން ކުޅުންތެރިން ދެރަކޮށްލުމުގެ ނިޔަތުގައި ބުނާ ބަހެއް ނޫނެވެ.

ރަޔަން ބޭނުންވަނީ ބޮޑުވެގެން ފުޓްބޯޅައިގެ މައިދާނަށް ނިކުންނާށެވެ. އޭނަގެ ކުޅިވަރު އާއިލާގެ ހުނަރުވެރި މެންބަރުން ފަދައިން ހުނަރުވެރި އަދި މިއަށްވުރެވެސް ޤާބިލް ކުޅުންތެރިއަކަށް ވުމަށެވެ. މިކަމުގައި އޭނައަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނަގެ އާޢިލާގެ މެންބަރުންނެވެ. ޚާއްޞަކޮށް، އޭނަގެ މަންމައާއި ބައްޕަ އޭނައަށް ކުރިއަރަން ފުރުޞަތު ދޭކަން ފާހަގަކޮށްލެވެއެވެ.

ރަޔަން ބުނާގޮތުގައި އޭނަ އެންމެ ޝައުޤުވެރިކަން ހުރި ދާއިރާއަކީ މިއީ އެވެ. މި ދާއިރާގައި ފުންނާބު އުސް މީހަކަށްވާން އަބަދަށްވެސް އެދެއެވެ.

ރަށުގެ އެއްވެސް މީހަކު ރަޔަންގެ ހުނަރާ މެދު ޝައްކެއް ނުކުރާނެއެވެ. ސަބަބަކީ އެކަން އެންމެނަށްވެސް ފެނި ހާމަވެފައިވާތީ އެވެ. ދުޢާއަކީ، މިފަދަ ޤާބިލު ކަމަށް ކެރޭ ކުޅުންތެރިން މިރަށުގެ މުޖުތަމަޢުއިން ނިކުތުމެވެ.