English Edition
Dhivehi Edition

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ މެއި 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން އަންނަނީ މި މުބާރާތް ބާއްވަމުންނެވެ.

ބޮޑެތި އިނާމު ތަކަކާއެކު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ވަނީ ކުރީ އަހަރުތަކަށް ވުރެ ގިނަ އަދި ބޮޑެތި އިނާމުތައް ހުށަހަޅާފައެވެ. އެގޮތުން ހެޕީމާކެޓުން 2 ޢުމުރާ ދަތުރު ހުށަހަޅުއްވަވާފައިވާއިރު ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން ވަނީ ޗައިނާ ވިންޓާ ކޭމްޕް ސްޓަޑީ ޓުއާ އެއްގެ ފުރުސަތު ދެއްވަވާފައެވެ. ހަމަ މިއާއެކު ކޮންމެ އަހަރެއްގެ މުބާރާތަށް އިނާމުގެ ގޮތުގައި ސްޓަޑީ ޓުއާ ދެއްވަވަމުން އަންނަ އައްޑޫ ވިމެންސް އެސޯސިއޭޝަނުން ވަނީ މިފަހަރުގެ މުބާރާތަށް މެލޭޝިއާ ސްޓަޑީ ޓުއަރ އެއްގެ އިނާމު ހުށަހަޅުއްވަވާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އޭއޯ ނިއުސްގެ ފޭސް ބުކް ޕޭޖުން ޑައުންލޯޑު ކުރެވޭނެއެވެ. https://web.facebook.com/www.aonews.mv/

މިފަހަރުގެ މުބާރާތުގައި ރެޖިސްޓްރީކުރުމަށް ފަސޭހަ ކޮށް ދިނުމުގެ ގޮތުން ބައިވެރިވާ ދަރިވަރުގެ އައިޑީ ކާޑުގެ ފޮޓޯއެއް އޮންލައިން އޭއޯ ނިއުސްގެ ހޮޓްލައިން ނަމްބަރު 7782034 އަށް ވައިބާއިން ފޮނުވުމުން ރެޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެއެވެ.

މިއީ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ގޮތެއްގައި މުބާރާތުގެ ފޯމާއި ރަޖިސްޓްރޭޝަން ފީ ދެއްކޭނެ ގޮތް ހަމަޖައްސައި ދިނުމަށް މިއަހަރު ހަދާފައިވާ ގޮތެކެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ވަނީ 5 ޢުމުރުފުރައެއް ތައާރަފްކޮށްފައެވެ. އުމުރުފުރާ ތަކަކީ

– 6 އަހަރުން ދަށް

– 9 އަހަރުން ދަށް

– 13 އަހަރުން ދަށް

– 16 އަހަރުން ދަށް

– 19 އަހަރުން ދަށް

މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީއެއް ފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި އެބައިވެރިއެއްގެ އުމުރުފުރާ ކަނޑައަޅާނީ އައިޑީ ކާޑުގައިވާ ގޮތަށް އުފަންދުވަސް ބަލައިގެން ރަމަޟާން މަހުގެ 1 ވަނަ ދުވަހާ ހަމައަށެވެ.

ހަމަ އެއާއެކު ފޯމު ހުށަހަޅާއިރު ފޯމާއެކު ބައިވެރިވާ ފަރާތުން ހުށަހަޅާ މަދަޙައިގެ ނަން ދީފައި އޮންނަން ވާނެއެވެ. އަދި މަދަޙައިގެ ނަން ދިނުމަށްފަހު މަގުބޫލު އުޒުރެއް ނެތި މަދަޙައިގެ ނަން ބަދަލުކޮށް ދެވެން ނޯންނާނެއެވެ.

އޭއޯ ނިއުސްގެ މަދަޙަ މުބާރާތުން ވޭތުވެދިޔަ އަހަރު އެއްވަނަ އަށް ދިޔަ ފަރާތަށް ތައިސީރު ޖަމިއްޔާއިން ވަނީ ޢުމުރާ ދަތުރެއް ދެއްވަވާފައެވެ. އަދި ދެވަނަ އަށް އައި ފަރާތަށް އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ އޮސްޓްރޭލިއާ ސްޓަޑީ ޓުއާރ އެއް ދެއްވަވާފައެވެ. މީގެ އިތުރުންވެސް ގިނަ ފަރާތްތަކަކުން ވަނީ މި މުބާރާތަށް އިނާމު ހުށަހަޅުއްވަވައި ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދެއްވަވާފައެވެ.

އޭއޯ ނިއުސްގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ހެޕީމާކެޓެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަންގެ އިތުރުން އީކުއޭޓަރ ވިލެޖެވެ.