English Edition
Dhivehi Edition

އައްނޫރުލް މުބީން ގެ ނަމުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ތިންވަނަ ރާއްޖޭގެ ފަރާތުން ބައިވެރިވި އަޝްރަގް ނާޒިރު ހޯދާފިއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވެވި ޖަލްސާގައި މުބާރާތުން ވަނަ ވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލައާއި، ސެޓްފިކެޓާއި، އިނާމު ދެއްވާފައިވެއެވެ. މުޅި މުބާރާތުން 1 ވަނައަށް ހޮވިފައިވާ ޢަބްދުﷲ މުޙައްމަދު ޚާތިމް މުޙައްމަދު އަލް ޚައްޔާތަށް އިނާމާއި ތައްޓާއި، ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ބައިނަލްއަޤްވާމީ މުބާރާތުގެ ތިން ވަނަ މަގާމު އަޝްރަގް ހާސިލްކުރިއިރު މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި އޭނާ ތަމްސީލުކޮށް ވާދަކުރި ދެ ވަނަ ފަހަރެވެ. މުބާރާތުގެ ދެވަނައަށް ހޮވުނީ، ތުރުކީން މުބާރާތުގައި ވާދަކުރި ހަމީދު އަފްޝާރު ޤުރްޖާެވެ.

މުބާރާތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި އަލްހައްޔާތަށް ވަނީ 30000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި ރައީސްގެ ފަރާތުން ދެއްވައި ހާއްސަ އިނާމުގެ އިތުރުން ތަށްޓާއި ސެޓްފިކެޓް ވަނީ ދީފައެވެ. އަދި މުބާރާތުގެ ދެވަނައަށް ދިޔަ ބައިވެރިޔާއަށް 15000 އެމެރިކާ ޑޮލަރު އަދި ތިން ވަނަ އަށް ދާ ބައިވެރިޔާއަށް 5000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމްވަނީ ދީފައެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދަވާ ދަރުސް ދެއްވުންވެސް އޮތެވެ. މިރޭގެ ދަރުސް ދެއްވީ މުފްތީ އިސްމާޢީލް މެންކްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަށް ބޭއްވި “އައްނޫރުލް މުބީން” ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ސޫދާނާއި، ތުރުކީއާއި، ސަޢުދީ ޢަރަބިއްޔާއާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ކުވެއިތާއި، މިޞްރާއި، ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ 5 ބޭފުޅުންގެ ޕެނަލެކެވެ.