English Edition
Dhivehi Edition

މިއަދަކީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުލަ ރޯދަ ދުވަހެވެ. އަހަރަކު އެއް ފަހަރު އަންނަ ބަރަކާތާއި ރަހުމަތުން ފުރިގެންވާ މާތް މައްސަރުގެ ފެށުމެވެެ. ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވި މާތް މައްސަރެވެ. އެމަހެއްގެ ސަވާބާއި ދަރުމަ އެހެން ހުރިހާ މައްސަރަކަށް ވުރެންވެސް މަތިވެރިވެ ގިނަވެގެންވާ މައްސަރެވެެ.

ރަމަޟާން މަހުގައި ރޯދަ ހިފުމަކީ އިސްލާމްދީނުގެ 5 ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ދުނިޔޭގެ އެތައް މިލިއަން މުސްލިމުން ރަމަޟާން މަސް ފާހަގަކުރާއިރު، ސިއްހީ މާހިރުން އަންނަނީ ރޯދަ ހިފުމުން ލިބޭ އެތައް ފައިދާތަކެއް ފާހަގަކުރަމުންނެވެ. އެގޮތުން މި ލިޔުމުގައި މިބަލާލާނީ އެފަދަ ބައެއް ފައިދާތަކަށެވެ.

ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ރޯދަމަހު ރޯދަ ހިފުމަކީ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރާއި ހިތުގެ ބަލިތަކުގެ ނުރައްކާ ދަށްކޮށްދީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. އެގޮތުން މީހުން ރޯދަ ހިފާއިރު ހަކަތައަށްޓަކައި ހަށިގަނޑު ރައްކާކޮށްފައިވާ ސަރުބީއަށް ބަދަލުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ބަރުދަން ލުއިވެއެވެ. މީގެ އިތުރުން ރޯދަ ހިފުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާއިރު، ހަކުރުބަލީގެ ނުރައްކާ ކުޑަވެދާނެ އެވެ. ރޯދަ ހިފުމަކީ އިންސިއުލިން ރެސިސްޓެންސް ކުޑަކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާއިރު، މިއީ ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ލިބިދޭ ކެލޮރީ މަދުކޮށްގެން ރޯދަމަހު ރޯދަ ހިފުމަކީ ވެސް ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ރޯދަމަހު ރޯދަ ހިފުމަކީ ވެސް ހަޖަމުކުރުމުގެ ނިޒާމަށް ހެޔޮ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެގޮތުން ރޯދަ ހިފާއިރު ހަޖަމުކުރުމުގެ ނިޒާމަށް އަރާމުކޮށް މަރާމާތު ކުރުމުގެ ފުރުސަތު ލިބޭއިރު، މިއީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. އަދި ރޯދަ ހިފުމަކީ ގޮހޮރުގެ ހަރަކާތްތައް ރެގިއުލޭޓްކޮށް ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ރޯދަމަހު ރޯދަ ހިފުމުގެ އަނެއް ފައިދާއަކީ ނަފްސާނީ ސާފުކަމާއި ފޯކަސް އިތުރުވުމެވެ. މީހުން ރޯދަ ހިފުމުން ހަށިގަނޑުން ‘ކީޓޯންސް’ ކިޔާ މާއްދާއެއް ހަށިގަނޑުން ދޫކުރާއިރު، މިއީ ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށް، ނަފްސާނީ ސަމާލުކަން އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރޯދަ ހިފުމަކީ ވެސް ސްޓްރެސް އާއި ހާސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް ސިއްހީ މާހިރުންވަނީ ބުނެފައެވެ.

ރޯދަމަހު ރޯދަ ހިފުމަކީ ވެސް ނިދުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީހުން ރޯދަ ހިފާއިރު އެމީހުންގެ ހަށިގަނޑު މަރާމާތުވެ އާލާވުމުގެ ހާލަތެއްގައި ހުންނައިރު، މިއީ ރަނގަޅު ނިދި ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ރޯދަ ހިފުމަކީ ‘ސާރކެޑިއަން ރިދަމްސް ރެގިއުލޭޓް’ ކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާއިރު، މިއީ ނިދުމުގެ ފެންވަރު ރަނގަޅުކޮށް، ނިދުމުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

މާތްވެގެންވާ މި މައްސަރުގައި ރޯދަ ހިފުމުން އަޅުގަނޑުމެން އެންމެންނަށްވެސް ދެ ދުނިޔެއިންވެސް ލިބިދޭ ފައިދާތައް ގިނަކަން މި ލިޔުމުންވެސް ސާބިތުކޮށްދެއެވެ. އަޅުގަނޑުގެ ދުއާއަކީ މާތްﷲ އަޅުގަނޑުމެން އެންމެންނަށްވެސް މި މާތް މައްސަރުގެ ބަރަކާތާއި ރަހުމަތް ލިބިގަތުމުގެ ކުޅަދާނަކަން ދެއްވައި ދުވާލުގެ ވަގުތު ތަކުގައި ރޯދަ ހިފައި، ރޭގަނޑުގެ ވަގުތުތަކުގައި ރޭއަޅުކަން ކުރުމުގެ ތައުފީގު ދެއްވުމެވެ. އަދި މި މާތް މައްސަރަކީ އަޅުގަނޑުމެން އެންމެންގެ މެދުގައިވެސް ދީލަތިކަމާއި، އެކުވެރިކަން އަދި ހިތްހެޔޮކަމާއި އަޅާލުމުގެ ރީތި ސިފަތަށް އިތުރަށް އަށަގަންނަ އެކަން ސާބިތުކޮށްދިނުމުގެ ތައުފީގެ ދެއްވާ މައްސަރަކަށްވުމެވެ. މި މާތް މައްސަރުގެ މަޣްފިރަތާއި ރަހުމަތާއި ދަރުމަ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި އެވެ! އާމީން.