English Edition
Dhivehi Edition

އިސްލާމީ ޝަރީއަތަކީ އިސްލާމްދީނުގެ މައިގަނޑު ބިނާވެފައިވާ ގޮތް ނުވަތަ އިސްލާމްދީންގެ މައި ބަދައެވެ. އިސްލާމީ ޝަރީއާ އައިސްފައިވަނީ ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާ ގެ ހަދީސްފުޅުތަކުންނާއި އެކަލޭނގެފާނުންގެ ސުންނަތުންނެވެ. އިސްލާމީ ޝަރީއަތުގެ މަޤްސަދު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އާންމު މަޤްސަދުތަކާއި ހާއްސް މަޤްސަދު މި ދެބައެވެ

އާންމު މަޤްސަދުތައް ކަޑައަޅުއްވާފައިވަނީ މުޅި އިންސާނިއްޔަތަށްޓަކައި ޝަރީއަތުގެ ހުރިހާ ދާއިރާއެއް ނުވަތަ ގިނަ ދާއިރާތަކުގައި ކަޑައަޅުއްވާފައިވާ ބައެއް ލަނޑުދަޑިތަކެވެ. އާންމު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް އަސާސަކީ މަސްލަހަތު އިސްކުރުމާއި ފަސާދައިން ދިފާއުވުމެވެ. މުޅި އިސްލާމީ ޝަރީއަތް ބިނާވެފައިވަނީ މި އަސާސްގެ މައްޗަށެވެ. އިންސާނުންގެ އެންމެހައި މަސްލަހަތު ކުރިއަށް ނެރެ ފާސަދައިން ދުރުކުރުމެވެ.މަސްލަހަތުގެ ތެރޭގައި އާއްމު މަސްލަހަތު އަދި ހާއްސަ މަސްލަހަތުތައް ހިމެނިގެން އައިސްފައިވެއެވެ

މަސްލަހަތު އޮތްހެން ބަޔަކަށް ހީވިޔަސް އޭގައި ފަސޭދައެއް އެކުލެވޭ ކަމުގައި ވާނަމަ އިސްލާމް ދީންގައި އެކަން ހަރާންކުރައްވަފައިވެއެވެ. މިސާލަކަށް ރިބާއިން ބަޔަކު އެއީ މަސްލަހަތު އޮތްކަމެއް ކަމުގައި ދެކުނަސް އޭގެ ނަތީޖާގައި އެތެއް ފަސާދައެއް އެކުލެވިފައިވެއެވެ

ރިބާއަކީ މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ގެއްލުން ހުރި އެއްޗެކެވެ.ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ އަދި ހަލާކާއި ގެއްލުން ހުރި ހަތްފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.އަދި ރިބާ ކާމީހާ ﷲގެ އަޒާބު ހުށެހެޅިގެން ފިއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިއްމު އެއް ސަބަބަކީ އޭގައި އަނިޔާވެރިކަން ހިމެނޭތީއެވެ. ޢަދުލުވެރިކަން ގެއްލިދާތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި މީހުން، ދަހި މަދު ބައެއްގެ ބާރު ދަށަށް ދާތީއެވެ. މުޖްތަމަޢްގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތި ކަމާއި ނަފްރަތު އިތުރުވާތީއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ޠަބީޢާތާއި ޚިލާފަށް އޮންނަ، މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެކަން ޔަޤީން އެއްޗެކެވެ. މާއްދީގޮތުން ރިބާކާމީހާ މުދަލުން މަހްރޫމްވެ ނިކަމެތިވާތަން މަދުން ނަމަވެސް ފެންނަމުން ދެއެވެ. ރިބާ ކާމީހުން ހުރިހާ ބަރަކާތަކުން މަހްރޫމްވެގެންދާ ކަމެއްކަމުގައި ވަޙީކުރައްވާފައިވެއެވެ. ރިބާ ކެއުމަކީ ﷲ ގެ ނިޢުމަތަށް ކާފިރުވާ މީހުން ކުރާ ކަމެކެވެ. އިބްނު އައްބާސްގެ އަރިހުން އަލްޙަކީމް ރިވާކުރެއްވި ހަދީސްފުޅެއްގައި އައިސްފައިވެއެވެ. ” ރިބާ އާއި ޒިނޭ، ރަށެށްގައި އާންމުވެއްޖެނަމަ އެބަޔަކު އެމީހުންގެ މައްޗަށް މާތްﷲގެ އަޒާބު ހުއްދަކޮށްގެންފިއެވެ.( އެބަހީ އެމީހުން އެ ދައުވަތުދެނީ ﷲގެ ޢަޒާބަށެވެ)”

ދަރަނީގެ ރިބާ ހަރާންކަން ބަޔާންކޮށް ކީރިތި ރަސޫލާ ގެ ހަދީސްފުޅުގައި އައިސްފައިވާ ތަކެއްޗަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީތަކެއްޗެވެ. އެފަދަ ތަކެއްޗައި ނުލައި ދިރިނޫޅެވޭނެ ފަދަ ތަކެއްޗެވެ. މިސާލަކަށް ރަނާއި ރިއްސަކީ ފައިސާގެ އަސްލެވެ. އަދި ތަކެތީގެ އަގުކަޑައަޅާ މިންގަޑެވެ. ގޮދަނާއި ބާރުލީ އާއި ކަދުރަކީ ކާނާއާއި މޭވާ ރަމްޒުކޮށްދޭ ތަކެއްޗެވެ. މިފަދަ ތަކެތީގައި ރިބާ ހުއްދަކުރެވިއްޖެކަމުގައިވާނަމަ މީސްތަކުންނަށް ވަރަށް ބޮޑަށް ގެއްލުންވެގެން ދާނެއެވެ. އަދި ދިރިއުޅެން ދަތިވެ މުއާމަލާތުގައި ފިތުނަ ފަސާދަ އުފެދޭ ހުއްޓެވެ. މިހެންވެ މިސްތަކުންގެ މަސްލަހަތަށްޓަކައި އިސްލާމްދީންގައި ރިބާ ހަރާންކުރެވިފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން އިބްނު މަސްޢޫދު ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ ”ރިބާ ކެއުން ގިނަ ކޮށްފި މީހެއްގެ އާޚިރު ނަތީޖާއަކީ، މުދާ މަދު ވުން ކަމުގައި ނޫނީ ނުވެއެވެ”

ކޮންމެ ގޮތެއް ވިޔަސް، މާތް ﷲ ކަމެއް ޙަރާމް ކުރައްވާނީ، އޭގައި ގެއްލުމެއް ވާތީކަން މުއުމިނުން ޤަބޫލުކުރެއެވެ. ރިބާ ކާމީހުނަށް އާޚިރަތުގައި ހުރި ޢަޛާބާ ބެހޭގޮތުން سمرة بن جندب رضي الله عنه ގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘް ފުދެއެވެ ” ރޭގައި ތިމަން ރަސޫލާއަށް ފެނިވަޑައިގަތީ ދެމީހަކު ތިމަން ރަސޫލާ އަރިހަށް ވަޑައިގަތްތަނެވެ. އެދެބޭކަލުން ތިމަންކަލޭފާނާއެކު މުޤައްދަސް ބިމަކަށް ނިކުވެމަޑައިގަތެވެ. އަދި ދަތުރު ކުރަމުން ދަނިކޮން ލޭގެ ކޯރެއް ފެނުނެވެ. އެކޯރު ތެރޭގައި މީހަކު ހުއްޓެވެ. އެކޯރުގެ މެދާދިމާގައި މީހަކު ހުއްޓެވެ. އޭނާގެ ކުރިމަތީ ހަލަތަކެއް ހުއްޓެވެ. އެމީހާ ކޯރުގައިވާ މީހާއަށް ކުރިމަތި ލިއެވެ. ކޯރުގައިވާ މީހާ ކޯރުން އެރުމަށް މަސައްކަތް ކުރާކޮންމެ ފަހަރަކު އެމީހާގެ އެތަނުން ހިލައެއް ކޯރުގައިވާ މީހާގެ އަނގައަށް އެއްލައި ކުރިން ހުރިތަނަށް އެމީހާ އަނބުރާ ރުޖޫޢަކުރެތެވެ. އެގޮތުގައި އެދެމީހުން ތިއްބެވެ. މިއީ ކޮންކަމެއްތޯ ތިމަން ރަސޫލާ ސުވާލުކުރުމުން، ކޯރުގެ ތެރޭގައިވަނިކޮށް ދެކެވަޑައިގަތް މީހާއަކީ ރިބާ ކާމީހެއްކަމުގައި ވިދާޅުވިއެވެ”