English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފިތުނަ ފަސާދަ އުފައްދައިގެން ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ބައިބައި ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކީގައި ސާބިތުކަމާއެކު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީގެ ސެނެޓަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވި ކަމެއް ފާސްނުވެ ބޭރުކޮށްލާފައިވާ ކަމަށް ބުނެ “އަދަދު” ނޫހުން ފެތުރި ހަބަރަކާ ގުޅިގެން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބްދުއްރަހީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ބުރަދަނެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.

“މެންބަރުންގެ މަޖިލީހުން (ސެނެޓުން) ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށައެއް ނާޅުއްވާ. ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް. ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުއިއްޒާއެކު ސާބިތުވެ،” ކުރިއަށް އޮތް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް މިވަގުތު އައްޑޫ ސިޓީގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

“އަދަދު” ނޫހުގެ ޚަބަރުގައި ބުނެފައިވަނީ، ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަޣުލަބިއްޔަތުން އެކަން ފާސްނުކޮށް ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި ސެނެޓުން ނިންމީ އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ކަމަށްވެސް އެ ނޫހުގައި ލިޔެފައިވެއެވެ.

ނަމަވެސް، ޕީއެންސީގެ އިސް ބޭފުޅުން ވަނީ މި ހަބަރު ދޮގުކުރައްވާފައެވެ. މިގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ “އަދަދު” ނޫހަށް ދޮގު މައުލޫމާތުދީގެން ބަޔަކު އެ ނޫހަށް “ލަނޑެއް” ދިނީ ކަމަށެވެ. އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝުޖާއުވެސް ވަނީ ފިތުނަ އުފެއްދުމަށް ނޫސްވެރިން ކުރާ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.