އެހެންކަމުން މި މަހުގެ ޝިޢާރަކަށް ހަދަންވީ ހެޔޮކަމުގައި އަހުރެން ޖަހާލައިފާ އެކަކު ވެސް ކުރިއެރިއަކަ ނުދޭނަމެވެ. ރޯދަ ހިފުމުގައެވެ. މިސްކިތުގައި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމުގައެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދު ނަމާދު ފަދަ ރަމަޟާން މަސް އިޙްޔާކުރުމުގެ ދަރުބާރުތަކުގައެވެ. ފަޤީރުންނަށް ޞަދަޤާތް ދިނުމާއި ،ހެޔޮ ފޯރުވުމުގައެވެ. ރޯދަވެރިންނަށް ރޯދަ ވީއްލުމުގައި އެހީވެދިނުމުގައެވެ. ގޭ ތެރޭގައި ޤުރްއާނުގެ އަޑު ގުގުމައިލުމުގައެވެ. މަގުމަތީގައި މަޑުމައިތިރިވުމާއި، މަޑުމޮޅިވުމުގައެވެ. ރިވެތި އަދަބާއި، ޚުލްޤުން މީހުންނާ މުޢާމަލާތު ކުރުމުގައެވެ.މީހަކު ޖެއްސުން ކުރުމުގެ ގޮތުން އެއްޗެއް ބުނިކަމުގައި ވިޔަސް ” އަހުރެން މި ހުރީ ރޯދައަށޭ ” ކިޔާފައި އޭނާއަށް ރައްދު ނުދީ ދުރަށް ދިޔުމުގައެވެ.
ރަމަޟާނީ މި ޖައްވުގެ ތެރޭގައި، ރޫޙާނީ މައިދާނުގެ ދަގަތްފާނައިގެ ސަބަބުން، އައު އުސްމިންތަކަކާ ހަމައަށް ވާޞިލުވެވުމަކީ އަޖައިބުވަނިވި ކަމެއް ނޫނެވެ. މި މަތިވެރި އަޅުކަމުގެ ސަބަބުން ކޮންމެ ދުވަހަކު ރަމަޟާނީ އުދަރެހުގެ ހަ ފަރާތުގެ ތެރޭގައި ނަފްސު ޠާހިރު ކުރެވިގެންދާ ނަމަ އައު އުސްމިންތަކާ ހަމައަށް ވާޞިލުވެވޭނެއެވެ. ރޯދަވެރިއާއަށް ރޯދަ ވީއްލާ އިރު ލިބިފައިވާ އިޖާބަވަނިވި ދުޢާގެ އުޅަނދުގައި ގުރަހަތަކާއި ގުރަހަލިތަކާއި ގުރަހާނާތައް ފަހަނަޅާ ގޮސް ﷲގެ ޙަޟްރަތާ ހަމައަށް ވާޞިލު ވެވޭނެތީއެވެ.
މިހެންވެ ސަލަފުންނަކީ ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގެން ބޭކަލުންތަކެކެވެ. ރަމަޟާން މަހާ ވިދިގެން އަންނަ ފުރަތަ ހަ މަސް ދުވަހުގައި އެބޭކަލުންގެ ދުޢާއަކީ ވޭތުވެދިޔަ ރަމަޟާން މަހުގައި ކުރެއްވި ހެޔޮ ކަންތަކާއި އަޅުކަންތައް ޤަބޫލުކުރައްވާތޯ އަރަހުށި ﷲއަށް ދެންނެވުމެވެ. އަނެއް ހަ މަސް ދުވަހުގައި އެ ބޭކަލުންގެ ދުޢާއަކީ ކުރިއަށް އޮތް ރަމަޟާން މަހާ ހަމައަށް ފޯރުކޮށްދެއްވާތޯ ، އެ ބޭކަލުންގެ ވެރި ރަސްކަލާނގެއަށް ދެންނެވުމެވެ. ޔަޙްޔާ ބުނު ކަޘީރު ވިދާޅުވާ ގޮތުގައި އެބޭކަލުންގެ ދުޢާއަކީ ” ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ރަމަޟާން މަހަށްޓަކައި ރައްކައުތެރިކޮށް ދެއްވާނދޭވެ! އަދި މި އަޅާއަށްޓަކައި ރަމަޟާން މަސް ސަލާމަތްތެރި ކޮށްދެއްވާނދޭވެ!
ނޯޓް: މިއީ ލިޔުންތެރިންގެ ގުޅުން މި ވެބްސައިޓްގައި އިބްރާހިމް ރަޝީދު މޫސާ ލިޔުއްވަވާފައިވާ ލިޔުމެކެވެ.