މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.
މައުމޫޏް ގޭ ބަންދަށް ބަދަލުކޮށްދެއްވުން އެދި ކްރިމިނަލް ކޯޓަށާއި ޖެނެރަލްގެ އޮފީހަށް ނަސްރީނާ ފޮނުއްވި ސިޓީގައި ވަނީ ފިރިކަލުން މައުމޫނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެއް ކަމަށާއި އަދި އެ މަނިކުފާނު ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އެ އާލާސްކަންފުޅަކީ އޭގެ ސަބަބުން އަމިއްލަފުޅަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތް މެދުވެރިވާ ކަމެއްކަމަށް ނަސްރީނާގެ ސިޓީގައި ވެއެވެ.
ބަރަކާތްތެރި ރަމަޟާން މަހު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ތަހަންމަލް ކުރެވޭވަރަށް ވުރެ ގިނަ ދަތިތަކެއް ކުރިމަތިވެ ވަޑައިނަންނަވާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތާ ދެ ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، ހާލުކޮޅު ބޮޑުވާ ދުވަސް ދުވަހު ނަސްރީނާ ވެސް ދޫނިދޫ ޖަލަށް ފުލުހުން ގެންގޮސްފައި ވެ އެވެ.
ރައީސް މައުމޫން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނު އެންދެރިމާގޭގައި ހުންނަވަނިކޮށެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަހައްޓަން ނިންމާފައެވެ.