English Edition
Dhivehi Edition
މުފްތީމެންކް އައްޑޫސިޓީ ގަމުގެ އެއާޕޯޓުގައި/ ފޮޓޯ: ޝާން އޭއޯނިއުސް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ، ދަރުސް ދެއްވުމަށް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

މުފްތީ މެންކް އައްޑޫސިޓީއަށް ވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަވާ ދަތުރުފުޅުގައި އައްޑޫގައި ތަގްރީރު ދެއްވުމަށެވެ.

މުފްތީ މެންކް “މުސްލިމް ޒުވާނުންނަށް މެސެޖެއް” ނަމުގައި ދެއްވާ ތަޤްރީރް އޮންނާނީ މިރޭ 9:15 ގައި ނޫރާނީ ސްކޫލްގައެވެ.

މުފްތީމެންކް އައްޑޫސިޓީ ގަމުގެ އެއާޕޯޓުގައި/ ފޮޓޯ: ޝާން އޭއޯނިއުސް

މުފްތީގެ މިދަތުރުފުޅުގައި އިވެންޓް ޕާޓްނަރުންގެ ގޮތުގައި ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީއާއި އައްޑޫގެ ޖަމިއްޔާތަކުންނެވެ. އެގޮތުން ޖަމިއްޔަތުލް ޢުލަމާއު، ރަބީޢުލް ޣުލޫބް ފައުންޑޭޝަން އަދި ނޫރުލް އިސްލާމުގެ ފަރާތުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިރޭ ނޫރާނީ ސްކޫލުގައި ތަގްރީރު ކުރެއްވުމަށް ފަހު މުފްތީ އައްޑޫން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނު 8:00 ގައެވެ.

މުފްތީ މެންކް އަކީ ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައިވާ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ އެންމެ އިސް ބޭފުޅާގެ މަގާމު ފުރުއްވަމުން އަންނަ ފަރާތެވެ. މުފްތީ ވަނީ މީގެ ކުރިންވެސް ތަފާތު ފަހަރުތަކުގެ މަތިން ރާއްޖެއަށް ވަޑައިގެން އަގުހުރި ދަރުސް ދެއްވަވާފައެވެ.