އޮސްޓްރޭލިއާއަށް ނިސްބަތްވާ ޖޭމްސް ހެރިސަން ވަނީ 60 އަހަރު ވަންދެން ކޮންމެ ހަފްތާއަކު އެއް ފަހަރު އޭނާގެ ލޭ ހަދިޔާކޮށް 2.4 މިލިއަން ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކޮށްފައެވެ.
އުމުރުން 81 އަހަރުގެ ޖޭމްސް މަޝްހޫރު ވެފައިވަނީ ރަން އަތުގެ ވެރިޔާގެ ނަމުންނެވެ. މި ނަމުން އޭނާ މަޝްހޫރު ވެފައިވަނީ އޭނާގެ ލޭ ގައި ބަލިތަކާއި ދެކޮޅަށް ހަރަކާތްތެރިވާ އެންޓިބޮޑީސް ހުރުމުންނެވެ. އެ ގޮތުން އޭނާގެ ލޭ ބޭނުންކޮށްގެން “އެންޓި-ޑީ” ކިޔާ އިންޖެކްޝަނެއް ވަނީ އުފައްދާފައެވެ. ލޭ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި “އެންޓި-ޑީ” އިންޖެކްޝަން ދެނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ހުންނަ ލެއެއްގެ ސަބަބުން ނުރައްކާވާ ޙާލަތުގައި ތިބޭ މައިންނަށެވެ. އެ ފަދަ މައްސަލަތައް ހުންނަ އަންހެނުންނަށް ލިބޭ ކުދިންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި އެނީމިއާ، ޗިސްމޭ ބޮޑުވުން ، ސިކުނޑި ހަލާކުވުން އަދި ވިހެއުމަށްފަހު ދަރިފުޅު މަރުވުން ހިމެނެއެވެ.
ލޭގެ ސަބަބުން މިފަދަ ބަލިޖެހޭ ކުދިންނަށް އެ ލޭ ގައި ހުންނަ ފޮރިން ސެލްތައް ނައްތާލާ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ފަދަ ލޭ އެޅުމުން އެކަމުން ދިފާޢުވެ ރައްކާތެރިވާން މަގުފަހިވެއެވެ.
ޖޭމްގެ ލޭ ބޭނުން ކޮށްގެން މިހާތަނަށް މިލިއަނަށް ވުރެ ގިނަ “އެންޓި-ޑީ” ޑޯޒް ވަނީ އޮސްޓްރޭލިއާގެ މިފަދަ މައްސަލަތައް ހުންނަ މައިންނަށް 1967 ވަނަ އަހަރުން ފެށިގެން ވަނީ ފޯރުކޮށްދީފައި ކަމަށް އޮސްޓްރޭލިއާގެ ރެސް ކްރޮސް އިން ބުނެއެވެ.
ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ ޖޭމްސް ވަނީ މިދިޔަ ހުކުރު ދުވަހު އޭނާގެ އެންމެ ފަހުގެ ލޭ ހަދިޔާ ކޮށްފައެވެ. ލޭ ހަދިޔާ ކުރުމަށްފަހު ޖޭމްސް ބުނެފައިވަނީ މިހާތަނަށް 1100 ފަހަރު އޭނާ ލޭ ހަދިޔާ ކޮށްފައިވާ ކަމަށާއި އޭނާގެ މި ރިކޯޑް މުގުރާލަން ނިކުތުމަށް އޮސްޓްރޭލިއާގެ ރައްޔިތުންނަށް އޭނާ ގޮވާލާ ކަމަށެވެ. އިންސާނިއްޔަތަށްޓަކާ މަސައްކަތް ކުރާ ޖޭމްސް ފަދަ މީހުން މިކުރާ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތްތަކެއް ކަން ކަށަވަރެވެ. މިއީ ހަމަ މިސާލެކެވެ.