English Edition
Dhivehi Edition
އޮސްޓްރޭލިއާ އިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އޮސްޓްރޭލިއަން ހައި ކޮމިޝަން އިން ކޮލޮމްބޯ

އޮސްޓްރޭލިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފި އެވެ.

ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޤައުމުގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޭވިޑް ހޮލީ އާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ ގްރޫޕްގެ ކެޕްޓަން، ޝޯން އަންވިން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އުމަރު އަބްދުލް ރައްޒާޤު އާއި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑިފެންސް އެޑްވައިޒަރ، ލިއުޓެނެންޓް ކާނަލް އިސްމާއިލް ނަސީރު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވމުން ހައި ކޮމިޝަނަރ ހޮލީ ވަނީ ކޮވިޑް-19ގެ އަސަރު ދެ ޤައުމަށްވެސް ކުރަމުންދާއިރު، މި ދަނޑިވަޅުގައި އެޤައުމުން ރާއްޖެއާއެކު ސާބިތުވެ ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ޕީޕީއީ ހަދިޔާ ކުރުމަކީ އެޤައުމަށް ލިބޭ އުފަލެއް ކަމަށްވެސް ހޮލީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރ އުމަރު ވަނީ ޕީޕީއީ ހަދިޔާކުރެއްވި ކަމަށްޓަކައި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ޑިފެންސަށް ޝުކުރު ދަންނަވައިފަ އެވެ. އަދި އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމާއި ދެއްވާ އެއްބާރުލެއްވުމަށްވެސް ހައި ކޮމިޝަނަރ ވަނީ ޝުކުރު ދަންނަވައިފަ އެވެ.

މިއަދު ހަދިޔާކުރި ޕީޕީއީގެ ތެރޭގައި 120،000 އެމެރިކާގެ ޑޮލަރުގެ އަގުހުރި 12،000 ހައި ކޮލިޓީ ކަވަރއޯލްސް އާއި 120،000 އަންގި ހިމެނެއެވެ. މި ތަކެއްޗަކީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ އެންސެލް އިން ތައްޔާރުކޮށްފައިވާ ސާމާނެވެ.