English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސަވައިފިއެވެ.

މި ހިނގާ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމަވާފައިވާ މި އިންތިޚާބު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރު 4 ޤައުމެއްގައިވެސް ވޯޓް ފޮށި ބަހައްޓާ ގޮތަށް ނިންމަވާފައިވެއެވެ. އެގޮތުން ރާއްޖޭން ބޭރުން ވޯޓު ފޮށި ބަހައްޓަނީ ސްރީލަންކާގެ ކޮލޮމްބޯ އަދި ކެންޑީގެ އިތުރުން އިންޑިއާގެ ތިރުވަނަންތަޕޫރަމް(ޓްރިވެންޑްރަމް) އާއި ބެންގަލޫރު އަދި މެލޭޝިޔާގެ ކުއަލާލަމްޕޫރުގައެވެ. މި ތިން ޤައުމުގެ އިތުރުން ދެން ވޯޓް ފޮށި ބަހައްޓަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ބޭއްވުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް އެ ޕާޓީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އެ ޕާޓީގެ ޤައުމީ މަޖިލީހުން 5 މެމްބަރުންގެ ކޮމިޓީއެއް ނަގަންޖެހެއެވެ. އެ ފަސް މެމްބަރުން އަސާސީ ޤަވާޢިދާއި އެއްގޮތަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބޭނީ މި މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރޝިޕްކަން ހޯދާފައިވާ މެމްބަރުންނަށް ކަމަށް ޕާޓީން ވިދާޅުވެއެވެ.