English Edition
Dhivehi Edition

ސްޕެނިސް ލީގުގައި އަދި މިސީޒަންގައި މެޗަކުން ބަލިވެފައި ނުވާ ބާސެލޯނާއިން ވިޔަރެއާލް 5-1 ލަނޑުން ބަލިކޮށް މިސީޒަންގައި ސްޕެނިޝް ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ކުރިއަތް ހަތަރު މެޗު އޮތްވައި ލީގު ޗެމްޕިއަންކަން ބާސާ އިން ކަށަވަރުކޮށްފައިވާއިރު ރޭގެ މޮޅާއި އެކު ބާސާ އޮތީ 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 75 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބާސާ ބަލި ވެފައި ނުވާއިރު މެޗަކުން ބަލިނުވެ ސްޕެނިޝް ލީގު ނިންމާލާ ފުރަތަމަ ޓީމުގެ ރެކޯޑް ހެދުމަށް ބާސެލޯނާ އަށް ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ބާސާގެ ދެވަނަ ގޯލު ޕައުލީނިއޯ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިއޮނަލް މެސީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.އަދި ދެވަނަ ހާފްގެ ކުރީކޮޅު ވިޔަރެއާލް އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ބާސާގެ ޒުވާން ފޯވާޑް ޑެމްބެލޭ ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ބަލިނުވެ ސްޕެނިޝް ލީގު ނިންމާލާ ފުރަތަމަ ޓީމުގެ ރެކޯޑު ހެދުމަށް ބާސާއިން ދެން ނިކުންނާނީ ލެވަންޓޭ އާއި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށެވެ.