މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މިނިވަންކަޕް 2017 ގައި ސައުތު ބްލޫސް އާއި ބައްދަލުކޮށް މަރަދޫ އެފްސީ މޮޅުވެއްޖެއެވެ. މި މެޗު މަރަދޫ އެފްސީ އިން ކާމިޔާބުކުރީ 8 ލަނޑު 6 ލަނޑުންނެވެ. މަރަދޫ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހްމަދު ނާދިރުއެވެ. މި ގޯލާއެކު ސައުތު ބްލޫސްއިން ވަނީ މަރަދޫ އެފްސީގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި ސައުތު ބްލޫސްގެ ފުރަތަމަ ލަނޑަކީ ސާދު ޖެހި ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކީޕަރު އަތުން ވަން ލަނޑެކެވެ. މެޗުގެ އަށްވަނަ މިނިޓްގައި މަރަދޫ އެފްސީގެ އައިކްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މަރަދޫ އެފްސީ އިން ވަނީ ވަރަށް ކައިރިކައިރީގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި ސައުތު ބްލޫސްގެ ހުސެއިން ރަފީއުޖެހި ލަނޑާއެކު އެ ޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ އަށާރަވަނަ މިނިޓްގައި މަރަދޫ އެފްސީގެ އަހްމަދު ނާދިރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތިޖާ ބަދަލުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހަފް ނިމެން އެއް މިނިޓަށްވެފައިވަނިކޮށް އައިކް ވަނީ މަރަދޫ އެފްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ދެވަނަ ހަފްގައި ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ވަނީ ގިނަ މަސައްތަކެއް ކޮށްފައެވެ.މި ގޮތުން މަރަދޫ އެފްސީއިން ވަނީ ސައުތު ބްލޫސްގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ދެވަނަ ހާފްގައި މަރަދޫ އެފްސީގެ ވާޒިއު އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ނާދިރު އާއި އައިކް ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑުޖަހާފައެވެ. ދެވަނަ ހާފްގައި ސައުތު ބްލޫސްގެ ސާދުވަނީ އެ ޓީމަށް ތިން ލަނޑު ކަމިޔާބުކޮށްދީފައެވެ. އެ ޓީމުގެ ހަވަނަ ގޯލަކީ މުހައްމަދު ހިޒާން ކާމިޔަބުކޮށްދިން ލަނޑެކެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫ އެފްސީއަށް ތިން ލަނޑު ޖަހައިދިން ނާދިރުއެވެ.