English Edition
Dhivehi Edition

ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވާ ތަރައްގީގެ މަސައްކަތް ހުއްޓުވަން ކަމަށް ޕީޕީއެމް އިންބުނެފިއެވެ. އެޕާޓީގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންނަރު އަބްދުއްރަހީމް އަބްދުﷲ ކުރައްވައިފައިވާ ޓްވީޓެއްގައ ވިދާޅުވެފައިވަނީ “ފެނިގެން މިދަނީ ގައުމާއި ރައްޔިތުންގެ ކުރިއެރުމާއި، ތަރައްގީ ހުއްޓުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް،” ކަމަށެވެ. އެފަދަ މަސައްކަތްތައް ކިތަންމެ ވަރަކަށް އިދިކޮޅުން ކުރިޔަސް ރައީސް ޔާމީނާއެކު ސާބިތުކަމާއެކު ތިއްބަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. ސަރުކާރާ ސިޔާސީ ގޮތުން ދެކޮޅު ފަރާތްތަކުން މީހާރުގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަޖިލީހުގެ ރައީސް ކަމުން އޭނާ ވަކިކުރާށެވެ. ސަރުކާރުން ގެންދަވަނީ އެކަން އެގޮތަށް ވިޔަނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅުން މަޖީލިހަށް ވައްދާފައިވާ މައްސަލަ މިހާރުވަނީ ބާތިލްވެފައި ކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާމަނިކު ވަނީ މެންބަރުންނަށް ސިޓީ ފޮނުވައިފައެވެ. އެކަން އެގޮތަށްކުރެއްވީ މަޖިލީހިގެ ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހަޅަންޖެހޭ އަދަދަށް ސޮއި ހަމަނުވާތީ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. 45 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވެއްދިޔަސް އެއްބޭފުޅަކު ވަނީ ކުރިންވެސް ސޮއި އަނބުރައި ގެންގޮސްފައެވެ. އަދި ޕީޕީއެމްގެ 6 މެންބަރަކު މިހާރުވަނީ އެޕާޓީން ވަކިކޮށްފައެވެ. އެ 6 މެންބަރުންނަކީވެސް އޭގައި ސޮއިކުރައްވާފައިވާ މެންބަރުންނެވެ. އެ މެންބަރުން ޕީޕީއެމުން ވަކި ކުރުމުން އެބޭފުޅުންގެ މަޖިލީސް ގޮނޑި ގެއްލިފައިވާ ކަމަށް މިހާރުވަނީ ނިންމައިފައެވެ. އެ ބޭފުޅުންގެ ގޮނޑި ގެއްލުމުން އެ ބޭފުޅުންގެސޮއި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރުން އުނިވާނެ ކަމަށް މޫސަވަނީ މާނަ ކުރައްވައިފައެވެ. މިކަން މިހެން އޮތަސް އިދިކޮޅު ފަރާތްތަކުން އެނިންމުން ގަބޫލެއް ނުކުރެއެވެ.