English Edition
Dhivehi Edition

މާލެއަތޮޅު ހިންމަފުށްޓާއި، ތުލުސްދުއާއި، ހދ. ނޮޅިވަރަމްފަރުގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ދޮޅުއަހަރު ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި، އިސްލާމިކް ބޭންކު (އައި.ބީ.ޑީ)ގެ ލޯނުއެހީގެ ދަށުން 135 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެ ތިންރަށުގައު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ނަރުދަމާ ވިއުގައަކާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓަކާއި، އެނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގެކެވެ. އެ ތިން ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް މިމަޝްރޫގެ ތެރެއިން ލިބިގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. މިއީ އެކަށީގެންވާ ނަރުދަމާގެ ނިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިޔަށް ގެންދަވާ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެކެވެ. ………. ލިޔުނީ: އަޒުހާ އިބްރާހީމް