English Edition
Dhivehi Edition

ތުއްތު ކުއްޖަކަށް މީހަކު ލޯބިން ދޮނެއް ދިނުމުން ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވި ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ އެމެރިކާގެ އަޔޯވާ ސްޓޭޓްގައެވެ. މަރިއަނާ ރީސް ސީފްރިޓް އުފަން ވެފައި ވަނީ ޖުލައި އެކެއްގައެވެ. އުފަން ވިއިރު ތުއްތު ކުއްޖާގެ ހާލު ރަނގަޅެވެ. އެއްވެސް ބައްޔެއްނެތެވެ. ޖުލައި ހަތްވަނަ ދުވަހަކީ މަރިއަނާގެ މައިންބަފައިން “ރަސްމީކޮށް ކައިވެނިކުރި” ދުވަހެވެ. އެދުވަހު ވަރަށްގިން މީހުން އެ އުފަލުގައި ބައިވެރިވިއެވެ. ތުއްތު މަރިއާނާވެސް ބައިވެރި ކުރިއެވެ. ކައިވެނި ހަފްލާ ފެށިތާ ގާތްގަނޑަކަށް ދެގަޑިއިރު ފަހުން މަރިއާނާގެ ހާލު ގޯސްވާން ފެށިއެވެ. ވަގުތުން އެކުއްޖާފުޅު ހޮސްޕީޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔުމާއެކު ވަގުތުން ފަރުވާ ދޭން ފެށިއެވެ. މަރިއާނާގެ މައިންބަފައިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަރިއާނާ ‘މެނިންޖައިޓިސް ( އެޗް.އެސް.ވީ-1)’ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. ޑޮކްޓަރުން އެހެން ވިދާޅުވުމުން މަރިއަނާގެ މައިންބަފައިން ވަނީ ވަގުތުން ‘އެޗް.އެސް.ވީ-1 އަށް ޓެސްޓް ކޮށްފައެވެ. އެހެންނަމަވެސް އެދެމަފިރިންގެ ގައިގައި އެބަލި ހުރިކަމަށް ޓެސްޓުން ނުދައްކައެވެ. އެހެންކަމުން ޑޮކްޓަރުން ލަފާކުރަނީ އެ ކުއްޖާއަށް އެބަލި ޖެހިފައިވަނީ ކުއްޖާގެ މައިންބަފައިންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި މީހަކު ‘ދޮނެއް’ ދިނުމުގެ ސަބަބުން ކުއްޖާއަށް އެ ބަލި ޖެހުނީ ކަމަށެވެ. މަރިއަނާގެ ހާލު ދުވަހުން ދުވަހަށް ދިޔައީ ދައްވަމުންނެވެ. އެނެމެފަހުން އުފަންވިތާ އަށާރަވަނައަށްވީ ދުވަހު އެކުއްޖާވަނީ ދުނިޔެދޫކޮށްފައެވެ. މި ހާދިސާ މަރިއަނާގެ މަންމަ ހާމަކޮށްފައިވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓާ ގުޅިގެން އެހެން މީހުން ކޮށްފައިވާ ބައެއް ޕޯސްޓްތަކުގައި ބުނެފައިވަނީ މިފަދަ ކަންކަމަށް ބެލެނިވެރިން ފަރުވާތެރި ކަމާއެކު ސަމާލު ވުމަށެވެ. ޑޮކްޓަރުން ވިދާޅުވެފައިވަނީ ތުއްތު ކުދިންނަށް ދޮން ދިނުމަކީ އެންމެ ރަނގަޅު ކަމެއްނޫން ކަމަށެވެ. އެއީ ގައިން ގަޔަށްއަރާ މިފަދަ ނުރައްކާތެރި ބައްޔެއް ދޮންދޭ މީހާގެ ގައިގައި ހުރެއްޖެ ކަމަށްވާނަމަ ފަސޭހަކަމާއެކު ތުއްތު ކުދިންގެ ގަޔަށް އަރާނެތީއެވެ. އޭގެ ސަބަބުން އެކުދިންގެ ފުރާނައަށް ނުރައްކާ ވެދާނެތީއެވެ. ތުއްތު ކުދިން ދިފާއީ ނިޒާމް ވަރަށް ބަލިކަށިވާނެއެވެ. އެހެން ކަމުން މައިންބަފައި މިފަދަ ކަންކަމަށް ސާމާލުވަމާ ހިނގާށެވެ.