ޔުމްނާ މައުމޫން އެ ކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމްއަށް ސްޕެޝަލް ޕްރޮޓެކްޝަން ދެއްވުމަށް އެދި ކޮމިޝަނަރ އޮފް ކަރެކްޝަންސް އަހުމަދު ޝިހާންއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ނަދީމްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. އެ މައްސަލައިގާ ނަދީމްވަނީ ޖަލުގައި ބަންދުގައި ބަހައްޓާފައެވެ.
ކޮމިޝަނަރ އޮފް ކަރެކްޝަންސްއަށް ޔުމްނާ ފޮނުއްވި ސިޓީގައިވަނީ އެކަމަނާގެ ފިރިކަލުން ނަދީމް ވަނީ ސްޓެލްކޯގެ ޗެއާމަންގެ މަޤާމް އަދާކުރައްވާފަ ކަމަށެވެ. އަދި އެ މަޤާމަކީ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަޤާމެއް ކަމަށްވެސް ލިޔުއްވާފައިވެއެވެ. ކުންފުނިތަކުގެ އިސް ވެރިންނަށް ވެސް ސްޕެޝަލް ޕްރޮޓެކްޝަން ދެއްވާ ކަމަށް ޔުމްނާ އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ މައުމޫންގެ ބައްޕާފުޅު ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށްވެސް ވަނީ ދަޢުވާކޮށް ޝަރީޢަތް ފައްޓަވާފައެވެ.