އައްޑޫ ސިޓީ ވަކި ދައުލަތަކަށް ހެދުމާ ބެހޭ މަޝްވަރާތަކެއް ކުރުމަކީ ހީލަތްތެރި ރޫހުގައި ރޭވުނު ބަޣާވާތްތެރި ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް ނަޝީދާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ބަޔަކާއި ދެމެދުގައި ބޭއްވުނު ބައްދަލުވުމެއްގައި، އައްޑޫގައި ވަކި ދަޢުލަތެއް އުފެއްދުމަށް މަޝްވަރާކުރަމުންދިޔަ އަޑު އިވޭ އޯޑިއޯއެއް ލީކުވެފައިވާއިރު، އެކަން ކުއްވެރިކޮށް ހޯމް މިނިސްޓްރީން މިއަދު ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ.
ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވަނީ މިއީ ދިވެހި ދަޢުލަތާއި ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ޣައިރު ޤާނޫނީ ޢަމަލެއް ކަމަށެވެ.
” އެ އަމަލަކީ ދިވެހިންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށާއި ޒަމާނުއްސުރެން ދިވެހިންގެ މެދުގައި އޮތް އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށް ލޮޅުން އަރާނެ ފަދަ ނާތަހުޒީބު އަމަލެއް. އަދި އެ ނާތަހުޒީބީ އަމަލު ހިންގާފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ދައުރުވި ހަބަރުތަކުން އެނގޭތީ، އެފަދަ ބޭފުޅަކު މިފަދަ އަމަލެއް ހިންގުމަކީ ދިވެހި ރައްޔިތުން އިތުރަށް ކަންބޮޑުވެ ހިތާމަކުރާކަމެއްކަމުގައި ދެކެން” ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އަމަލަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ޣައިރު ގާނޫނީ އަމަލެއް ކަމަށާއި މިއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ތެރެއިން ވަރަށް ނުރައްކާތެރި އަމަލެއްކަމަށް އެ ބަޔާނުގައި ވެއެވެ.
“މިއަމަލަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ފެންނަމުންދާ ފަދަ ވަކިވެގަތުމުގެ ހީލަތްތެރި ރޫހުގައި ރޭވުނު ބަޣާވަތްތެރި ރޭވުމެއް. މިއަމަލު ހިންގާފައި ވަނީ އަމިއްލަ އެދުމާއި މަވެތިކަން އިސްކޮށް އަމިއްލަ ޒާތީ ކަންކަން ހާސިލް ކުރުމަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް ކުރުމުގެ ނުރައްކާތެރި ނިޔަތެއްގައި.” ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ހޯމް މިނިސްޓްރީން ވަނީ އެފަދަ ނުރައްކާތެރި އަމަލުތައް ނުހިންގުމަށާއި މިފަދަ އަމަލުތައް ހުއްޓާލުމަށް މިހިނދުން މިހިނދަށް ގޮވާލައި ނަސޭހަތްތެރިވާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހު މީސް މީޑިއާގައި ދައުރުވަމުން ދިޔަ އޯޑިއޯގައި ވާ ގޮތުން އައްޑޫ އަތޮޅަކީ ވަކި ދައުލަތެއް ގޮތުގައި ހަދަން ރައީސް ނަޝީދާ އެކު މަޝްވަރާ ކުރެއްވީ އައްޑޫ ސިޓީގެ ކައުންސިލަރުން ތަކެކެވެ. އެނގިފައިވާ ގޮތުން އެ ވާހަކަތަކަކީ މިއަހަރުގެ ކުރީ ކޮޅު ކޮލަމްބޯގައި ރައީސް ނަޝީދު ހުންނަވައި ދެއްކެވި ވާހަކަތަކެކެވެ.