އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު ވެލެންސިއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ލީގުގެ ދެވަނަ ބުރުގައި ރޭ މާޒިޔާ އާއި ވެލެންސިޔާ ބައްދަލު ކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
ރޭގެ މެޗުގައި ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު މާޒިޔާގެ ކެޕްޓަން އަސްދުﷲ އަބްދުﷲ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ވަނީ ކުޅެން ނިކުމެއް ފުރަތަމަ މެޗުގައި ލަނޑު ޖަހާފައެވެ.މާޒިޔާ އަދި ގައުމީ ޓީމްގެ ވެސް މުހިންމު ކުޅުންތެރިޔާ އަސަދުﷲއަށް އަނިޔާވެފައިވަނީ މިދިޔަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ވާތު ކަކުލަށް ލިބުނު އަނިޔާކާއި ގުޅިގެންނެވެ.މި އަނިޔާއިން ސަލާމަތް ވުމަށް ފަރުވާ ކުރުމަށްޓަކައި ސެޕްޓެމްބަރު މަހު އޭނާ އޮޕަރޭޝަނެއް ކޮށްފައިވާއިރު އޭނާ މާޒިޔާގެ ޕްރެކްޓިސްގައި ބައިވެރިވެފައިވަނީ މި ޖެނުއަރީ މަހުގައެވެ.
މާޒިޔާގެ ފަރާތުން މުޅި މެޗު ކޮންޓުރޯލް ކޮށްގެން ކުޅުނު މިމެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ވެލެންސިއާގެ މޫސާ ހަސަން އަތުން ބައިކޮޅަށް ވަދެފައިވާއިރ މާޒިޔާގެ ދެ ވަނަ ލަނޑު އޭގެ ދެމިނެޓްފަހުން ކާމިޔާބުކޮށްދީފައިވަނީ ޖެހީ އާދަމް ނާސިހް އެވ
ރޭގެ މެޗުގެ ފުރަތަމަ ހާފް 2 ލަނޑު ކުރީގައި އޮވެ މާޒިޔާއިން ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ މުހައްމަދު ޝަޚާއު އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ބަދަލު ކުޅުންތެރިޔާ އަސަދުﷲ ކާމިޔާބުކޮށްދީފައިވާއިރު މާޒިޔާ އަށް ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދީފއިވަނީ އީސަ އެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅުނު މެޗުވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ރޭގެ މެޗުން މާޒިޔާ ހޯދި މޮޅާ އެކު އެ ޓީމު ވަނީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ.މި ދެޓީމަށްވެސް 16 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ ނިއު އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.މިއާއި އެކު ޓީސީ ލީގުގެ ތާވަލްގެ ތިންވަނާގައި 14 ޕޮއިންޓާއި އެކު އޮތް އިރު ޓީސީ އަތުން ބަލިވި އީގަލަސް އޮތީ 12 ޕޮއިންޓާއި އެކު ހަތަރުވަނާގައިއެވެ. އަނެއްކޮޅުން ވެލެންސިއާ އަދިވެސް އޮތީ މޮޅެއް ނުލިބި އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.
މާލޭ ލީގުގައި މިއަދުވެސް ދެ މެޗު އޮންނާނެއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ އިރު މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ.