ވަކި ދައުލަތެއް އައްޑޫގައި ގާއިމް ކުރެއްވުމުގެ މަޝްވަރާތަކެއް ރައީސް ނަޝީދު އާއި އެކު ކުރެއްވި ކަމަށް އައްޑޫ ސިޓީ މީދޫ ކައުންސިލަރ ހުސައިން ހިޔާޒް އެއްބަސްވެ ވަޑައިގެންފިއެވެ
އައްޑޫގައި ވަކި ދައުލަތެއް އުފައްދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އައްޑޫގެ އިތުރު ބަޔަކު މަޝްވަރާ ކުރައްވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު ރައީސް ނަޝީދާއި އެކު ބޭއްވި ބައްދަލުވުމުގައި އެވާހަކަ ދެއްކެވީ މަޖަލަކަށް ކަމަށް ހިޔާޒް ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިއަހަރު އިންޑިއާއަށާއި ލަންކާއަށް ކައުންސިލަރުން ކުރެއްވި ދަތުރުގައި ވަކިދައުލަތެއް ހެދުމަށް މަޝްވަރާކޮށްފައިވާއިރު ހިޔާޒް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވި އެންމެންވެސް އެގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ކޮންމެވެސް މީހަކު ރެކޯޑު ކުރުމަށްފަހު ލީކުކޮށްލާފައިވާ ވާހަކަތަކެއް ކަމަށާއި އެ ޒާތުގެ ކަންތައް ކޮށްގެން ގައުމުގައި ފިތުނަ އުފައްދަން މަސައްކަތްކުރާތީ މައްސަލަ ޖެހެމުންދާކަމަށެވެ . މީގެ އިތުރުން ހިޔާޒު ވިދާޅުވީ އެއީ އެއްވެސް އަސްލެއް ހަގީގަތެއް އޮތްވާހަކަތަކެއް ނޫންކަން އޯޑިއޯ އަޑުއެހީމާވެސް އެގިގެންދާކަމަށެވެ
ހިޔާޒް ވިދާޅުވީ ސަމާސާއަށް ދައްކާ އެކަހަލަ ވާހަކަތައް ސީރިއަސްކޮށް ނަގައިގެން ބޮޑު އިޝޫއަކަށް ހަދައިގެން “އަޅުގަނޑުގެ ބޮލުގައި ބާޣީއެއްގެ ތުހުމަތުވެސް އަޅުފައިފާނެ،” ކަމަށެވެ