ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފިިއެވެ.
“ޕީއެސްއެމް” އަށް ދެއްވި އިންޓަވިއު ގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރުގެ އިސްވެރިންނާއެކު ބައްދަލުކުރެއްވުންތަކެއް ބާއްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ސަރުކާރު ގުޅިގެން ވީހާވެސް ކުލަގަދަ ގޮތެއްގައި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މި މަޝްރޫއުގެ ނިމުން ފާހަގަކޮށް ބްރިޖު ހުޅުވުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރަންޖެހޭކަމެއް ކަމަށް އަޅުގަނޑުމެންނަށް އަދި ޗައިނާ ސަރުކާރަށް ވެސް ޤަބޫލުކުރެވޭތީ މިކަން ކުރުމަށްޓަކައި މަޝްވަރާކުރުމަށް މިދަނީ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ހުށަހަޅާ ކަންތައްތަކާއެކު ދެފަރާތުގެ އެއްބާރުލުމާއެކު ވަރަށް ކުލަގަދަކޮށް” ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ދަތުރުފުޅުގައި އެ މަޝްވަރާތަކުގެ އިތުރުން، ބްރިޖު ހުޅުވި އެތަނުގައި ކުރިއަށްދާ މެއިންޓަނެންސް ކަންތައްތަކާއި އޮޕަރޭޝަންސް ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބްރިޖު މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި މިމަޝްރޫއު ނިންމާލާނެ ކަމަށެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުރެ އެވެ. އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެ އެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.