ދިވެސް އިންސްޓިޓިއުޓްގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރެންސިކް ސައިކޮލޮޖީ ކިޔަވައިދޭން ފަށައިފިއެވެ. ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހަކީ ދިވެސް އިންސްޓިޓިއުޓް އޮފް ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގައި މަސައްކަތް ކުރައްވާ ސައިކޮލަޖިސްޓުން ފަރުމާ ކޮށް، އެމްކިއުއޭ ލެވެލް 5ގެ އެއް އަހަރު ދުވަހުގެ ކޯހެކެވެ.
ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހުގެ ފުރަތަމަ ބެޗުގައި 14 ބައިވެރިއަކު ކިޔަވާނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އައިސީޕީގެ ސައިކޮލަޖިސްޓުންނާއި ކަމާ ބެހޭ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅުންނެވެ.
ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހުގެ ފުރަތަމަ ބެޗު އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެސް އިންސްޓިޓިއުޓްގެ ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ދިވެސް އިންސްޓިޓިއުޓުން ފެށި މި ކޯހަކީ ރާއްޖޭގައި ސައިކޮލަޖީގެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި މީހުން މަދުވުމާއި، އެ ދާއިރާ އަށް މީހުން ތައާރަފު ކުރުމުގެ މަގުޞަދުގައި ފެށި ކޯހެއް ކަމަށެވެ.
“ދިވެސް އިންސްޓިޓިއުޝަނަކީ ވަރަށް ޅަ އިންސްޓިޓިއުޝަނެއް. އެކަމަކު މިތަނުގައި ކިޔަވައިދެއްވަވާނީ ތަޖުރިބާކާރު ފެންވަރު ރަނގަޅު މުދައްރިސުން.” ކަމަށެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޑރ ޝަކީލާ ވިދާޅުވީ އައިސީޕީގެ މަސައްކަތް ރާއްޖޭގައި ފެށުމާއެކު އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔައީ ދާއިރާއިން ތަޖުރިބާކާރު މުވައްޒަފުން ލިބުން ކަމަށެވެ. އެހެންކަމުން ދިވެސް އިންސްޓިޓިއުޝަން އުފައްދައި އެތަނުގެ ފަރާތުން ދާއިރާއާއި ގުޅޭ ކޯސް ހިންގައި ފެންވަރު ރަނގަޅު ކުދިންތަކެއް ދާއިރާއަށް ނެރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރައްވަވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގައި އަދި އެހެން މުޖުތަމައުތަކުގައިވެސް ނަފްސާނީ ބަލިތަކަކީ ސީރިއަސް މައްސަލައެއް އަދި ބައްޔެއް ކަމަށާއި ދިވެސް އިންސްޓިޓިއުޓަކީ ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ މީހުން ތަމްރީނު ކުރުމަށް އުފެއްދި ތަނެއް ކަމަށް ޑރ. ޝަކީލާ ވިދާޅުވިއެވެ. ހަމަ މިއާއެކު ކޯހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި ރަނަގޅު ނަތީޖާ އެއް ހޯދުމަށް މަސައްކަތް ކުރުމަށް ޑރ ޝަކީލާ ވަނީ ކޯހުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ލައްވައިފައެވެ.