English Edition
Dhivehi Edition

ސައުތު އޭޝިއާ ގައުމުތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ބިލްޑިން އަ ޖެންޑަރޑް މީޑިއާ އިން ސައުތު އޭޝިއާ” ރީޖަނަލް ޓްރެއިނިންގ ޕްރޮގްރާމުގައި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އިން ބައިވެރިވެއްޖެއެވެ.

ޔުނެސްކޯއާއި ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސުވޯން) އަދި އިންޑިއާގެ ނިއުދިއްލީގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިޔުނިކޭޝަން އާއި ގުޅިގެން އިންސްޓިޓުއުޓް ފޯރ ސްޓަޑީޒް އިން އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (އައިއެސް އައި ޑީ) ގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާގެ އިތުރުން ސުވޯން ޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އަވައިން ކަނޑައަޅާފައިވާ ބޯޑުމެމްބަރުންގެ ތެރެއިން ރާއްޖޭގެ 3 ނޫސްވެރިއަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި “އަވަ” އިގެ ފަރާތުން ބައިވެރިވި 3 ނޫސްވެރިންނަކީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދާއި ޗެނަލް 13 ގެ ވީޑިއޯ ޖާނަލިސްޓް އަދި ޕްރެޒެންޓަރ ލަޔާލް މަނިކުގެ އިތުރުން މިހާރު ނޫހުގެ ވީޑިއޯ ޕްރޮޑިއުސަރ އަމާނީ އަބްދުﷲ އެވެ.

މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މީޑިއާގައި އަންހެނުންގެ ރޯލާ ގުޅޭ ގޮތުން ސާކުގައުމުތަކުން ތައްޔާރުކުރި ބޭސްލައިން ސަރވޭ ހުށަހެޅުމާއެކު އެ މައުލޫމާތުތަކުގެ އެހީގައި، އެކުލަވާލާ ފައިނަލް ރިޕޯޓަށް ބޭނުންވާނެ ސާރވޭ ހަދާނެ ގޮތާއި ކޯޑު ކުރާނެ ގޮތާއި އަދި ސާމްޕަލް އެއްކޮށް، ފުރިހަމަ ރިސާޗެއް ހަދާނެ ގޮތް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

ސާކުގެ 7 ގައުމުން ނޫސްވެރިންނާއި ރިސާޗް އެކްސްޕާޓުންގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވި މި ބައްދަލުވުމުގައި މީޑިއާތަކުގައި އަންހެނުންނާ މެދު ގެންގުޅޭ މިންގަނޑުތަކާއި އަންހެނުން މީޑިއާގައި އަދާކުރާ ރޯލާއި އަދި އެ ރޯލު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން މީޑިއާގެ އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އެފަދަ ފުރުސަތުތައް ފަހިވާނެ ގޮތަށް މަސައްކަތް ކުރާނެ ގޮތާއި ، ހެދިފައިވާ ޕޮލިސީ ތަކާއި ގަވާއިދުތައް ބޭނުންކޮށްގެން ސާރވޭ ކުރިއަށް ގެންދާނެ ގޮތް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. ހަމަ އެއާއެކު މީޑިއާގެ ތަފާތު ބާވައްތަކުގައި އަންހެނުން ބައިވެރިކޮށްގެން އިޝްތިހާރު ތަކުގައި ހުންނަ މައްސަލަތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ގޮތްވެސް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ސެޝަންތައް ނަންގަވައި ދެއްވެވީ ދާއިރާގައި ތަޖްރިބާކާރު ޕްރޮފެސަރުންނެވެ.

ރީޖަނަލް ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްވޯންގެ ޕްރޮފެސަރ ވީނާ ސިކްރީ ވިދާޅުވީ މިފަދަ ސަރވޭއެއްގެ ބޭނުމަކީ އެކި ގައުމުތަކުގައި ހުންނަ އަންހެނުންނާ ގުޅޭ މައްސަލަތައް ފާހަގަކޮށް މީޑިއާއިން އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ފާހަގަކޮށް ގައުމީ ލެވެލްގައި މަޝްވަރާ ކޮށް ޕޮލިސީ އެކުލަވާލުން ކަމަށް ވީނާ ވިދާޅުވިއެވެ. މި ގޮތުން އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ގައުމުތަކުން ތައްޔާރުކުރާ ސަރވޭ އަށް ބިނާކޮށް ފައިނަލް ރިޕޯޓެއް އެކުލަވާލާނެ ކަމަށް ވީނާ ވަނީ ވިދާޅުވެފައެވެ. އަދި މި ރިޕޯޓަކީ ސައުތު އޭޝިއާގެ ހުރިހާ ގައުމުތަކަށް ފައިދާކުރާނެ މުހިއްމު ރިޕޯޓަކަށް ވެގެންދާނެ ކަމަށް ވެސް ވީނާ ވިދާޅުވިއެވެ.

ސުވޯން އިން ކުރިއަށް ގެންދާ މި ސަރވޭ ރާއްޖޭގައި ތައްޔާރުކުރަނީ އައްޑޫވިމެންސް އެސޯސިއޭޝަނުން އިސްނަގައިގެން އެ އެސޯސިއޭޝަނުން އެކުލަވާލާފައިވާ ބޯޑަކުންނެވެ. މި ބޯޑުގައި ބޯޑުމެމްބަރުންގެ ގޮތުގައި ރާއްޖޭގެ އެކި މީޑިއާތަކުގައި އިސްކޮށް މަސައްކަތްކުރައްވަވާ އަންހެން ނޫސްވެރިން ހިމެނެއެވެ. މި ޓީމުން ވަނީ މިހާރު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ހުށަހަޅަން ޖެހޭ ސަރވޭއަށް ބޭނުންވާ މައުލޫމާތު އެއްކޮށް ކަންޓްރީ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައެވެ.

އައްޑޫވިމެންސް އެސޯސިއޭޝަނަކީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މިހާތަނަށް މިފަދަ ގިނަ ޕްރޮގްރާމުތަކަކުން ރާއްޖޭގެ އަންހެނުންނަށް ފުރުސަތު ހޯދައިދީފައިވާއިރު އިރު ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވެސް ވަނީ ހޯދައިދީފައެވެ. ހަމަ މިއާއެކު އަންހެނުންނަކީ އިގްތިޞާދީގޮތުން ބާރުވެރި ބަޔަކަށް ހެދުމުގެ މަގްޞަދުގައި އަންހެނުންނަށް ތަފާތު މަސައްކަތް ދަސްކޮށްދީ އެފަދަ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ތަފާތު ޕްރޮގްރާމުތައް އަވައިން ގެންދަނީ ހިންގަމުންނެވެ.