ޗެމްޕިއަންސް ލީގު ސެމީގެ ފުރަތަމެ ލެގުގައި ރޭ ޖަރުމަންގެ ޗެމްޕިއަން ބަޔާން އާއި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރިއާލް މެޑްރިޑް ބައްދަލު ކުރި މެޗު ފަހަތުން އަރައި ބަޔާން މިއުނިކް ބަލިކޮށް ރިއަލް ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.
ބަޔާން މިއުނިކްގެ ދަނޑުގައި ރޭ މި ދެޓީމު ބައްދަލު ކުރި މެޗު ރިއަލްމެޑްރިޑް ކާމިޔާބުކުރީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ބަޔާންގެ ފަރާތުން މުޅި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން މިއުނިކުންނެވެ. އެޓީމަށް މެޗުގެ 28 ވަނަ މިނެޓުގައި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖޮޝުއާ ކިމިޗެވެ. ބަޔާން އިން ކިމިޗްގެ ލަނޑުން ލީޑު ނެގި ނަމަވެސް ރިއަލްއިން ވަނީ އަމިއްލަ ދަނޑުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބަޔާން ކޮޅަށް ރިއާލް މެޑްރިޑުގެ ޑިފެންޑަރ މާސެލޯ ވަނީ ފުރަތަނަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ރިއާލް މެޑްރިޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި އިސްކޯގެ ބަދަލުގައި ކުޅެން ނިކުތް އަސެންސިއޯ ވަނީ ލަނޑެއް ޖަހާ ރިއަލްއަށް މެޗުގެ ލީޑު ހޯދާދީފައެވެ.
ރެއާލްގެ މި ގޯލަށްފަހު ބަޔާން އިން ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައިވާއިރު ބަޔާންގެ ވިންގާ ފްރޭންކް ރިބެރީ ވަނީ ކައިރިކައިރީގައި ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ރެއާލްގެ ކީޕަރު ނަވާސް ވަނީ މި ހަމަލާތަށް ސަލާމަތް ކޮށްފައެވެ.
ރޭގެ މެޗުގައި ރިބަރީގެ އިތުރުން ފަހުވަގުތުކޮޅުތެރޭ ލެވެންޑޯސްކީ އަށް ވެސް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ރޭގެ މެޗު ފަށައިގެން ފަސްވަނަ މިނެޓްގައި ބަޔާންގެ އިތުބާރު ކުޅުންތެރިޔާ ރޮބެން އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހުނު އިރު ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި މެދު ތެރެއަށް ކުޅެމުން ދިޔަ ބޯޓެންގް ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ބަޔާން މިއުނިކުގެ ދަނޑުގައި ދެޓީމު ބައްދަލު ކުރި ސެމީގެ ފުރަތަމަ ލެގު ރިއާލް މެޑްރިޑުން ކާމިޔާބު ކުރިއިރު ދެވަނަ ލެގުގައި ރިއާލްގެ ދަނޑުގައި މި ދެޓީމު ބައްދަލު ކުރާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައެވެ.