126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ޚިދުމަތުގެ އަގުވަޒަންކުރުމާއި ކާމިޔާބީ ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.
މި ޖަލްސާގައި، ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު ވަނީ، ނިމިގެންދިޔަ އަހަރު އެމްއެންޑީއެފުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، އަދި ކުރިއަށްއޮތް އަހަރަށް ރޭވިފައިވާ ބައެއް ކަންކަމާ ބެހޭގޮތުން އަލިއަޅުއްވާލައްވައި، ވާހަކަފުޅުދައްކަވާފައެވެ.
މިޖަލްސާގައި މިއުޒިކް އެންޑް އާރޓްސްގެ ދާއިރާއާއި އަސްކަރީ ތާރީޚާއި އާދަކާދަޔާއި ސަޤާފަތް ކުރިއެރުވުމުން އަދި ސިފައިންގެ އަށް ރީތި ނަން ހޯދައިދެއްވި ފަރާތްތަކަށާއި ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި ސިފައިންގެއަށް ރީތިނަން ހޯދައިދިން ސަބް ޔުނިޓްތަކަށާއި އަދި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ސަބް ޔުނިޓްތަކަށް ކޮމަޑޭޝަން ލެޓަރ ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. އަދި ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ.
ވޭތުވެދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންގެ ތެރެއިން އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް ލިބިލައްވާ ފަރާތްތަކަށް މި ޖަލްސާގައި ވަނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މިފަރާތްތަކަށް ކޮމަންޑޭޝަނަލް ލެޓަރ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔަ މަންޞޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.
މި ޖަލްސާގައި ކޮމަންޑޭޝަން ލެޓަރ ދެއްވާފައިވާ ދާއިރާތަކުގެ ތެރޭގައި އޮޕަރޭޝަންސް ޑިއުޓީސްގެ ދާއިރާ، ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގެ ދާއިރާ ކުޅިވަރުގެ ދާއިރާ، ސިއްހީ ޚިދުމަތުގެ ދާއިރާ، އުމްރާނީ ތަރަށްގީގެ ދާއިރާ، އިޖްތިމާޢީ ޚިދުމަތުގެ ދާއިރާ، ރެސްކިއު އެންޑް ލައިފް ސޭވިންގގެ ދާއިރާ، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގެ ދާއިރާއާއި އިދާރީ ހިންގުމުގެ ދާއިރާ ހިމެނެއެވެ.
މި ޖަލްސާގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތައް ވަނީ ބައިވެރިވެލައްވާފައެވެ.
126 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޚިދުމަތުގެ އަގުވަޒަންކުރުމާއި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ޖަލްސާ ނިމިގެންދިޔައީ ސިފައިންގެ ލަވަ ކިއުމަށްފަހު ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުމަށް ފަހުއެވެ.