އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ޝަރަފުއްދީން ސްކޫލްގެ 11 އަހަރުން ދަށުގެ ޓީމް ކުޅުނު ދެވަނަ މެޗް ވެސް އެ ޓީމުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުޅެވުނު 11 އަހަރުން ދަށުގެ އުމުރު ފުރާގެ މި މެޗަކީ ޝަރަފުއްދީން ސްކޫލްގެ ޓީމް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މި މެޗްގައި މި ޓީމް ވާދަ ކޮށްފައިވަނީ މަރަދޫ ސްކޫލްގެ ޓީމާއިއެވެ. މިމެޗް 16 ޕޮޓް 1 ޕޮޓްގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. މި މެޗްގައި ޝަރަފުއްދީން ސްކޫލްގެ ޓީމުން ރީތި ކުޅުމެއް ދައްކާފައިވެއެވެ. މެޗްގެ 3 ކުއާޓަރ ނިމުނު އިރުވެސް މަރަދޫ ސްކޫލް ޓީމަށް ޕޮޓެއް ކާމިޔާބު ކުރެވިފައިނުވެއެވެ. އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ޕޮޓް ކާމިޔާބު ކުރެވުނީ މެޗް ނިމެން ގާތްވެފައި ވަނިކޮށެވެ.
މި މެޗްގެ “ކްއީން އޮފް ދަ މެޗް” ގެ މަޤާމަށް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލް ޓީމްގެ ސެންޓަރ ގެ މަޤާމަށް ކުޅޭ ދަރިވަރު ފާތިމަތު ޖުމާން ޢަބްދުﷲ އެވެ.
މި މުބާރާތުގައި މިޓީމް ފުރަތަމަ ބައްދަލު ކޮށްފައިވަނީ ހުޅުދޫ ސްކޫލްގެ ޓީމާއިއެވެ. އެ މެޗް ވެސް 7 ޕޮޓް 3 ޕޮޓްގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. އެ މެޗް ގެ ވެސް ” ކްއީން އޮފް ދަ މެޗް” އަށް ހޮވުނީ އެ ޓީމްގެ ސެންޓަރ އަށް ކުޅޭ ދަރިވަރު ފާތިމަތު ޖުމާން ޢަބްދުﷲ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދެން ޝަރަފުއްދީން ސްކޫލްގެ 11 އަހަރުން ދަށުގެ ޓީމް ބައްދަލު ކުރާނީ ހިރާ ސްކޫލްގެ ޓީމާއިއެވެ.
އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް 2018 އިންތިޒާމް ކޮށް ކުރިޔަށް ގެންދަނީ ޝަރަފުއްދީން ސްކޫލުންނެވެ. މިއީ މި މުބާރާތް ބާއްވާތާ 3 ވަނަ އަހަރެވެ. ކުރީ ދެ އަހަރު މި މުބާރާތް އިންތިޒާމް ކޮށްފައިވަނީ ހިތަދޫ ސްކޫލުންނެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި މިބާރާތުގެ ފައިނަލްތައް ކުޅޭނެ ކަމަށް ބެލެވިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.