English Edition
Dhivehi Edition

އޭއޯ ނިއުސް އިން އައްޑޫގެ ސްކޫލްތަކަށް ހިންގި “ސްކޫލް މީޑިއާ” ޕްރޮގްރާމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ސްކޫލަކަށް ދޭ ސްކޫލް މީޑިއާ އެވޯޑާއި ސްކޫލް މީޑިއާ ޖާނަލިސްޓް އެވޯޑު، މީދޫ ޝަމްސުއްދީން ސްކޫލުން ހޯދައިފިއެވެ.

އޭއޯ ނިއުސްގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހަވީރު އީކުއޭޓަރ ވިލެޖްގައި ބޭއްވި ހަފްލާގައި މި އެވޯޑު ޝަމްސުއްދީން ސްކޫލާއި އަދި ދަރިވަރަށް ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާނު ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުގެ ފައުންޑަރ މުޙައްމަދު ރަޝީދެވެ. ސްކޫލުގެ ފަރާތުން މި އެވޯޑާ ހަވާލުވީ ޝަމްސުއްދީން ސްކޫލުގެ ޕްރިންސިޕަލް ، ސުލްތާން ރާމިޒެވެ.

2017 ވަނަ އަހަރުގެ ސްކޫލް މީޑިއާ ޖާނަލިސްޓް އެވޯޑު ހޯދާފައިވަނީ ޝަމްސުއްދީން ސްކޫލުގެ ސްކޫލް މީޑިއާގެ އެޑިޓަރު މުޙައްމަދު ހިޒްޔަމް އެވެ.

ސްކޫލް މީޑިއާ ޕްރޮގްރާމަކީ ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އެސްކޫލެއްގެ ދަރިވަރުން އަމިއްލަ އަށް ކަވަރޭޖް ހަދައި މީޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދީ ނޫސްވެރިކަމުގެ ދާއިރާއަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ މަގުސަދުގައި އޭއޯ ނިއުސް އިން މުޅިން ހިލޭ ސާބަހަށް ވޮލެންޓްރީ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރި ހުރިހާ ދަރިވަރުންނަށް މި ހަފްލާގައި ވަނީ ހަނދާނީ ލިޔުން ދީފައެވެ.

2017 ވަނަ އަހަރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އައްޑޫގެ 6 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ސްކޫލްތަކުގެ ތެރެއިން އެވޯޑު ހޯދާފައިވަނީ ވޭތުވެވި ދިޔަ އަހަރު އެންމެ ގިނަ ކަވަރޭޖް ހަދައި އެންމެ ރަނގަޅަށް މަސައްކަތް ކޮށް އެންމެ މަތިން މާކުސް ލިބިގެންނެވެ.

އޭއޯ ނިއުސް ގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގައި ސްކޫލް މީޑިއާގެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އޭއޯނިއުސް އިން ދޭނެއެވެ. މިގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ސްކޫލެއްގައި ނޫސްވެރިންގެ ޓީމެއް އުފައްދާފައިވާނެއެވެ. މި ޓީމުގައި އެޑިޓަރާއި އަދި އެސިސްޓެންޓް އެޑިޓަރާއެކު ޖާނަލިސްޓުންނާއި ފޮޓޯ ޖާނަލިސްޓުން ހަރަކާތްތެރިވާނެއެވެ.

އޭއޯގެ ފަރާތުން ކުރިއަށްގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސްކޫލެއް ހޮވައި ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމުގައި މިހާތަނަށް އައްޑޫގެ 7 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ސ.އަތޮޅު މަދުރަސާ، ޝަމްސުއްދީން ސްކޫލް، ހުޅުދޫ ސްކޫލް އަދި ފޭދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލާއި ހިތަދޫ ސްކޫލުގެ އިތުރުން މި ޕްރޮގްރާމުގައި އިއްޔެ އަލަށް ޝަރަފުއްދީން ސްކޫލުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށް އެދަރިވަރުން ކިޔަވާ ސްކޫލެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމުތައް އާންމުންނާއި ހަމައަށް ފޯރުކޮށްދީ ސްކޫލު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.