English Edition
Dhivehi Edition

އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ 01 ފެބްރުއަރީގެ ޙާދިޞާއާއި އަލިރަސްގެފާނު ޝަހީދުކޮށްލި ޙާދިޞާއާ މާބޮޑު ތަފާތެއްނެތް ކަމަށެވެ. އަދި އެކެއް ފެބްރުއަރީގެ ބަޣާވާތް ރާވާފައިއޮތީ ހަތެއް ފެބްރުއަރީ މިސާލަކަށް ބަލައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަޣާވާތުގައި ބައިވެރި މީހުން ރާވާފައި އޮތީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ހައްޔަރުކޮށް ރައީސް ހަވަރަށް ދޭން ކަމަށެވެ.

“އެދުވަހުވެސް ރާވާފައި އޮތީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދައިގެން މި ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް، ގާނޫނީ ހުކުމްތައް ކޮށްފައި ތިބި ކުށްވެރިން ދޫކޮށްލައިގެން މާލެ ތެރެ ހަލަބޮލިކޮށް ގޭންގްތައް ހަރަކާތްތެރި ކުރުވުމަށް. އަދި މުޅި މާލެ ތެރެ ގަޑުބަޑު ކުރުމަށް ފަހުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިން ރައީސުލްޖުމުހުރިއްޔާ ހައްޔަރު ކުރުމާއި ވަޒީރުން ހައްޔަރު ކުރުމާއި ދެންވެސް ހައްޔަރުކުރަން ޖެހޭ ފަރާތަތައް ހައްޔަރު ކުރުމަށް ފަހުގައި ރައީސް ޔާމީން ހަވަރަށް ދިނުމަށް،” މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

1 ފެބްރުއަރީގައި ކުރިމަތިވީ ޤައުމަށް ކުރިމަތިކުރުވަންޖެހޭ ޙާލަތެއް ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެދުވަހުގެ ބަޣާވާތުގައި ބައިވެރިވި މީހުންތިބީ އެއްބަޔަކު އަނެއްބަޔަކަށް ޚިޔާނާތްތެރިވެގެން ކަމަށެވެ. އަދި ބަޣާވާތުގެ ބައިވެރިންނަށް ހީވެފައިއޮތީ ބަޣާވާތުގެ ސަބަބުން ބޭރުގެ ފަރާތްތައް ރާއްޖެއަރާ، ރާއްޖެ ކޮންޓްރޯލް ކުރާނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތުޢަމަލީގެ ސަބަބުން ޤައުމު ސަލާމާތްކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ، އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ މަސައްކަތް ކުރެއްވިގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިފަހަރުވެސް ފެނިގެން ދިޔައީ ނަސްރު ލިބޭނީ ހައްގަށް ކަމެވެ. އަދި އެދުވަހުގެ ބަޣާވާތް ކާމިޔާބުވިނަމަ ރާއްޖޭގައި ބޭރުގެ އަސްކަރީ ބޭހެއް ހުރުމަކީ ވަރަށް ގާތްކަމެއް ކަމަށާއި އެ ބަޣާވާތް ނާކާމިޔާބު ކޮށްލަން ރައީސް ޔާމީން ކުރެއްވީ ފަޚުރުވެރިވާން ޖެހޭފަަދަ ޖިހާދެއްކަމަށެވެ.