“ކެންސަރ” އޭބުނުމުންވެސް ބިރުގަންނަ މީހުން މަދެއްނޫނެވެ. ކެންސަރު ބައްޔަކީ އޭގެ ޒާތުގައި ވަރަށް ވޭންއަޅާ ބައްޔެކެވެ. އެހެން ނަމަވެސް ބަލީގެ ކުރީކޮޅު ބަލި ދަނެގަނެވިއްޖެނަމަ މި ނުރައްކާތެރި ބަލިން ސަލާމަތް ވުމުގެ ފުރުސަތު އޮވެއެވެ. ކެންސަރަކީ ހަށިގަނޑުގައި ވާ ކޮންޓްރޯލް ނުކުރެވޭ، އާދަޔާހިލާފު ބާވަތެއްގެ ސެލްތަކެއް ހަށިގަނޑުގެ ގުނަވަންތަކުގައި އަށަގަތުމުގެ ސަބަބުން ޓިއުމަރ އަކަށް ބަދަލުވެ ޖެހޭބައްޔެކެވެ.
ކެންސަރަކީ ރާއްޖޭގައި ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ބައްޔެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކެންސަރު ޖެހުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ދިރިއުޅުމުގެ އާދަތަކެވެ. ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމާއި ދުރުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ކެންސަރުން ސަލާމަތް ވުމަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް އިސްކަމެއްދޭން އެބަޖެހެއެވެ. ކަސްރަތު ކުރުމާއި ރަނގަޅު ކާނާބޭނުން ކުރުން ވަރަށް މުހިންމެވެ.
މީގެ އިތުރުން އާއިލާ އިން ވާރުތަވަމުން އަންނަ ޖީންއެއްގެ ސަބަބުން ވެސް ކެންސަރު ޖެހުމުގެ 5 އިންސައްތަ އާއި 10 އިންސައްތައިގެ ފުރުސަތެއް އޮވެއެވެ. އެހެންކަމުން އާއިލާގެ އެއްވެސް މެންބަރަކަށް ކެންސަރު ޖެހިފައިވާ ނަމަ ޤަވައިދުން ކެންސަރަށް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިރީގައި މިވަނީ ކެންސަރު ބަލިން ދުރުކޮށްދޭ ބައެއް ކާނާއެވެ.
ލޮނުމެދު
ލޮނުމެދަކީ ކެންސަރު ބަލީގެ ސެލްތައް ހަށިގަނޑުގައި އުފެދުން ދުރުކޮށްދޭ މާއްދާ އެއްކަމަށްވާ”އެލިސިން”ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ލޮނުމެދުގައި އެކުލެވޭ އެންޓި އިންފްލެމެންޓްރީ މާއްދާ ތަކުގެ ތެރޭގައި ސެލެނިއަމް، ޓްރިޕްޓޮޕޭން އަދި ސަލްފާ އެކުލެވޭ ބައިތަކުން ކެންސަރ ސެލްތައް ނައްތާލަދެއެވެ.
ފެހިފަތް
އެކި ބާވަތްތަކުގެ ފެހި ފަތުގައި ކެންސަރަށް ފަރުވާލިބިދޭ މާއްދާތައް ހިމެނެއެވެ. ހާއްސަކޮށް ފެހިފަތުން ބޮޑުގޮހޮރަށް ޖެހޭކެންސަރުން ދުރުކޮށްދެއެވެ.
ބޮރޮކޮލީ
ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި ބޮރޮކޮލީގައި ކެންސަރ ސެލް ނައްތާލަދޭ އެންޓިއޮކްސިޑެންޓް އެއް ހިމެނެއެވެ. މިގޮތުން ހޯދުން ތަކުން އެނގިފައިވާ ގޮތުގައި ހަފްތާއަކު 3 ދުވަހު ސްޓީމް ކޮށްފައިވާ ބޮރޮކޮލީ ކެއުމުން ޕްރޮސްޓޭޓް، އުރަމަތި، މޭގެ އަދި ހަމުގެ ކެންސަރުން ދުރުކޮށްދެއެވެ.
ކެރެޓް
ކެރެޓަކީ އެންޓި- ކެންސަރ ކެރޮޓެނޮއިޑްސް އުފައްދައިދޭ ތަރުކާރީ އެކެވެ. ބޮސްޓަންގެ ބްރިންހަމް އެންޑް ވުމެންސް ހޮސްޕިޓަލް އިންދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހަފްތާއަކު ފަސްދުވަހު ހަތަރު ކެރޮޓް ފަޅި ކެއުމުގައި ބޭނުން ކޮށްފައިވާ އަންހެނުން އޯވަރިޔަން ކެންސަރ ޖެހުމުގެ ފުރުސަތު %54 އަށް ދަށްކަމަށެވެ. އަދި މަހަކު އެއްފަހަރު ކެއުމުގައި ކެރޮޓްބޭނުން ކޮށްފައިވާ މީހުންގެ ކިޑްނީގެ ކެންސަރ ޖެހުމުގެ ފުރުސަތު ދަށްވެފައި ވާކަމަށްއެ ދިރާސާގައި ދައްކާކަމަށެވެ.
ދޮންކެޔޮ
ހަގީގަތަކީ، ކެޔޮ ދޮންވި ވަރަކަށް ކެންސަރ ބައްޔަށް އޭގެއިން ހުރިފަރުވާ ބޮޑުވާކަމެވެ. ދޮންވެފައި ހުންނަކޭލުގެ ބޭރުގައި ހުންނަ ކަޅުލަތްތަކަކީ ކެންސަރ ޖެހުމަށް މަގުފަހި ކުރުވާ ޓިއުމަރ ތައް ނެތިކޮށްދޭ މާއްދާއެއް ކަމަށްވާ “ޓިއުމަރ ނެކްރޮސިސް ފެކްޓަރ” އުފައްދައިދޭ އެއްޗެކެވެ.
ކެންސަރު ބައްޔަށް އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާއިރު، ސައިންސްވެރިންދަނީ މިކަމުގެ ޝިފާއެއް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނަމުންނެވެ. ވީމާ މި ނުރައްކާތެރި ބަލިން އަޅުގަނޑުމެން އެންމެން ސަލާމަތް ވުމަށް މިބަލިން ދިފާއު ކޮށްދޭ ރަނގަޅުކާނާ ކެއުމާއި ކަސްރަތު ކޮށް ދުޅައެޔޮ ސިއްހަތެއްގައި އަބަދުވެސް ދެމި ތިބުން ވަރަށް މުހިންމެވެ. .