English Edition
Dhivehi Edition

އައްޑޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށް އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ އީސީސީ އެތެރޭގެ ބައެއް ތަޅާލައި އެތަނުގައި ތަނބުތައް ޖަހައި ޝީޓު އެޅުމުގެ މަސައްކަތެވެ. މިހާރުވަނީ އެތެރޭގެ 6 ތަނބުގެ މަސައްކަތް އެއްކޮށް ނިމިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މަސައްކަތް ކުރިއަށްދާ ގޮތާއި މަސައްކަތް ގޮސްފައިވާ ހިސާބުގެ ފުރިހަމަ މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ޖުލައިމަހު ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން އީސީސީގެ އެތެރެއަށް ވަރަށްބޮޑު ބަދަލެއް ގެނެސް އެތަން ދެބުރިއަށް ނަގާނެ ކަމަށްވެއެވެ. އޭގެ އިތުރަށް އެތަނުން ބޭރުގައި ދެ އިމާރާތެއް ހާދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވެއެވެ. އެއީ އޮފީސް ކޮމްޕްލެކްސްއަކާއި އެހެނިހެން ބައެއް ޚިދުމަތް ދިނުމަށް ހަދާ އިމާރާތެކެވެ. ޓާޝަރީ ފެންވަރަށް ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލުގައި އޮޕަރޭޝަންކުރާ 3 ތިއޭޓަރާއި، އެމްއާރްއައިގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތާއި ޕްރައިވެޓް ކޮޓަރިތަކުގެ އިތުރަށް މޯޗަރީއެއްވެސް ހިމެނެއެވެ. އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓަރަކްޝަނާއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 161.8 މިލިއަން ރުފިޔާއަށެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރު ނޮވެމްނަރު 14 ވަނަދުވަހުއެވެ. އެއްބަސްވެފައިވާ ގޮތުން މަސައްކަތް ފަށާތާ 18 މަސްތެރޭ ނިންމަންޖެހެއެވެ. މި މަޝްރޫއަކީ ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑްފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕިޑް) ގެ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.

ޓެގު