English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ދާއިރާގައި ހިމެނޭ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް މުމްތާޒު އަލީގެ ފަރާތުންނެވެ.

އެ މައްސަލަ ހައިކޯޓަށް ނުބެލޭނެކަމަށް ނިންމީ ކޯޓުތަކުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫއަށް ދާއިރާއެއް އިތުރުކުރުމާ ގުޅޭގޮތުން މަރަދޫފޭދޫ ރައްޔިތުންނާއި އައްޑޫ ސިޓީގެ ކައުންސިލްގެ މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާވެސް ކުރެއްވި އެވެ. އެ މަޝްވަރާތަކަށް ފަހުގައި ވެސް އެ ކޮމިޝަނުން ނިންމީ އައްޑޫއަށް ދާއިރާ އިތުރު ނުކުރުމަށެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާއިރު، ދާއިރާތައް އިތުރު ކުރީ މާލެއަށް އެކަންޏެވެ. މާލެއަށް އިތުރު ކުރި ދެ ދާއިރާއަކީ ހެންވޭރު ހުޅަނގު ދާއިރާއާއި މައްޗަންގޯޅި މެދު ދާއިރާ އެވެ.