އައްޑޫގައި ސާކު ސަމިޓް ބޭއްވުމަށް ހެދި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) ގައި ހުރި އޭސީތަކުގެ ތެރެއިން30000 ބީ.ޓީ.ޔޫ ގެ 16 އޭސީ ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ މޭޔަރ އަބުދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ.
އީ.ސީ.ސީން ނަގާފައިވާ އޭސީ ތަކުގެތެރެއިން 16 އެސީ ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކަށް ދިނުމަށް ނިއްމާފައިވަނީ 16 މެއި ގައި ބޭއްވުނު ކައުންސިލް ބައްަދަލުވުމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ވަޑައިގެން ފައިވާ އަޙްމަދު ވަޙީދު އާއި އައްޑޫ ސިޓީގެ ކައުންސިލުން މިއަދު ވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ހޮސްޕިޓަލް ހިނގަމުންދާ ގޮތާއި ބެހޭގޮތުން މޭޔަރއާއި އެކު ވާހަކަ ދެކުވެނެވެ. އަދި މިބައްދަލުވުމުގައި ކައުންސިލުން އޭސީ ހަދިޔާކުރުމަށް ނިއްމަވާފައިވާ ކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތާއި މެދު ރައްޔިތުންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މީގެ ކުރިން ލިބެމުންދިޔަ ޚާއްޞަ ބަލިތަަކަށް ފަރުވާދޭ ޑޮކްޓަރުން މިހާރު ނެތުމުގެ ސަބަބުން ކޮންމެ ދުވަހަކުހެން ދެތިން ބަލިމީހަކުވަނީ މާލެ ފުރުވަންޖެހިފައެވެ.
އައްޑޫ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި، މާލެފިޔަވައި އެންމެ އާބާދީ ބޮޑު އަތޮޅުގައި ހުރި ހޮސްޕިޓަލުންދެވޭ ޚިދުމަތް ،މިހާރުމިވަނީ އެއްމެ އާދައިގެ ކްލިނިކަކުން ފޯރުކޮށްދެވޭ މިންވަރަށްވުރެންވެސް ދަށްވެފައެވެ.
ކުރީގެ އީސީސީ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި އެތަނަށް ތަފާތު ބަދަލުތައް ގެނެސް ތަން ހުޅުވުމުގެ މަސައްކަތް ކުރެވެމުން ދާތާ ތިންއަހަރަށް ވުރެން ގިނަދުވަސްވަނީ ވެފައެވެ.