English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫގައި ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ތަރައްގީ ކުރާ ނޭޗަރ ޕާކު، އަންނަ ޖޫން މަހުގައި ހުޅުވޭނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

އައްޑުގައި ތައްޔާރުކުރާ ނޭޗާ ޕާކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ސީސީއޭޕީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި އައްޑޫގައި ގާއިމު ކުރާ މި ޕާކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ޖޫން މަހު ހުޅުވޭނެ ކަމަށް ބުނެފައިވެއެވެ.

މި ޕާކުގައި އެތަން ބަލައިލަން ދާ މީހުންނަށް ޚާއްސަ ކުރާ ވިޒިޓާސް ސެންޓަރުތަކާއި ތަނުގެ ގުދުރަތީ ރީތި ކަމާއި މުއްސަނދިކަން ވެސް ވީހާ ވެސް ބޮޑަކަށް އަދި ވީހާ ވެސް ގާތުން ބަލައިލެވޭ ގޮތަށް ތަރައްގީ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ސީސީއޭޕީން ބުނެއެވެ. އެގޮތުން މިތަން އެއްކޮށް ނިމޭއިރު ވިޒިޓާސް ސެންޓަރުގެ އިތުރުން ސުވެނިއާސް ޝޮޕަކާއި ކެފޭ އެއްވެސް ހުންނާނެ ކަމަށް ސީސީއޭޕީން ވަނީ ބުނެފައެވެ.

ނޭޗާ ޕާކްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދަން މިހާރު އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ބީލަމަށް ވެސް ލައިފަ އެވެ. އޭގެ ތެރޭގައި އެއްގަމާއި ކުޅިތަކުގައި ބޭނުން ކުރާ ތަފާތު އުޅަނދުތައް ހިމެނެ އެވެ. ހަމަ އެއާއެކު ނޭޗާ ޕާކްތަކުގައި ހަރަކާތްތެރި ވާނެ ޓުއާ ގައިޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި މަހު ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ވެސް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.