English Edition
Dhivehi Edition

މިއަދަކީ ކުރީގެ ނައިބް ރާއީސް އަހްމަދު އަދީބް އާއި އޭނާގެ އާއިލާ އަށް އުފާވެރި ދުވަހެކެވެ. އެހެން ނަމަވެސް އެ އުފާވެރިކަން ދެމި އޮތީ މީގެ ތިން އަހަރު ކުރީންނެވެ

އޭޕްރިލް 11 އަކީ އަދީބްގެ އުފަން ދުވަހެވެ. މިއަދަކީ އަދީބަށް 36 އަހަރު ފުރުނު ދުވަހެވެ.އެހެންނަމަވެސް މީގެ ތިން އަހަރު ކުރިން އަދީބުގެ 33 ވަނަ ދުވަހު އިވިގެންދިޔަ ރީތި ލަވައިގެ އަޑު މިއަދު ހަނދާނުގައިވެސް ނެތްކަހަލައެވެ

ކޮންމެ އަހަރަކު މިދުވަހު އަދީބުގެ އާއިލާއިން އަދީބްގެ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކުރެއެވެ. އެހެން ނަމަވެސް މިއަދު އަދީބަށް އުފަންދުވަސް ކުލަގަދަކޮށް ފަހަގަ ކުރުމުގެ ފުރުސަތެއްނެތެވެ. އަދީބް ޖަލުގައި އޮންނަވާތާ ތިން އަހަރު ވެފައި ވާއިރު މިއީ ޖަލުގައި އެކަނިވެރިކޮށް އޮންނަވަނިކޮށް އުފަންދުވަސް އައި ތިންވަނަފަހަރެވެ

އުމުރުން 33 އަހަރުގައި އެންމެ ޒުވާން ނާއިބު ރައީސްގެ ގޮތުގައި އަދީބު މަގާމަށް ވަޑައިގެންނެވީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ޒުވާން ސިޔާސީ ޝަހުސިއްޔަތުގެ ގޮތުގައެވެ. އަދީބަކީ ޒުވާނުންގެ މަގްބޫލުކަން ލިބިގެންދިޔަ އެންމެ ފާހަގަވެސް ކޮށްލެވޭ އެއް ޝަހްސިއްޔަތު ވެސް މެއެވެ. ނަމަވެސް 33 އަހަރުގައި ނާއިބު ރައީސްކަމަށް ވަޑައިގެން އަދީބަށް އެ މަގާމުގައި ހުންނެވުނީ ވަރަށް ކުރު މުއްދަތެއްގައެވެ. ދިވެހި ރާއްޖޭގެ އެންމެ ޒުވާންް ނާއިބް ރައީސްގެ އިތުރަށް އަދީބަކީ އެންމެ ކުރު މުއްދަތަކަށް އެމަގާމު އަދާކުރެއްވި ބޭފުޅާވެސް މެއެވެ

ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓަރުކަމާއި، އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާގެ މަގާމުވެސް ޒުވާން އުމުރުފުޅުގައި އަދީބު ވަނީ ފުރުއްވާފައެވެ. ޕީޕީއެމްގެ ސަރުކާރެއް ގެނައުމަށް ކުރެވުނު މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވީ އަދީބެވެ. އެތަށް ބަޔަކު ސަރުކާރާއި ގުޅުވާލަދިނު މުގެ ހިއްސާ އެންމެ ބޮޑަށް އަދާކުރެއްވީ ވެސް އަދީބެވެ

އަދީބްގެ ސްކޫލް ދައުރަށް ބަލާލާއިރު އަދީބަކީ ފާހަގަކޮށްލެވޭ މޮޅު ދަރިވަރެކެވެ. ސްކޫލްގެ ގިނަހަރަކާތް ތަކުގައި ބައިވެރި ވެފައިވާދަރިވަރެކެވެ.މީގެ ކުރިން އަދީބް ދިން އިންޓަވިއުއެއްގައި އަދީބް ގެ އެންމެ ހާއްސަ ކުޅިވަރަކީ ފުޓްބޯޅަކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެކި އެކި އިޝްތިހާރު ތައްކުޅުމަށް އަދީބް މޮޑެލްވެސް ކޮށްދީފައި ވެއެވެ. އަދީބް ސަރުކާރާ ގުޅިވަޑައި ނުގަންނަނީސް ވަޒީފާ އަދާ ކުރެއްވީ ކަސްޓަމްސް ގައެވެ. އަދި ކަސްޓަމްސްގައި އުޅުއްވި އިރުވެސް އަދީބަކީ ވިދާލި ތަރިއެކެވެ. މިގޮތުން ކަސްޓަމސްގެ ޑްރާމަތަކުން މީހުންގެ މަގްބޫލު ކަން އަދީބަށް ލިބިގެން ދިޔައެވެ

އަދީބް ގެ މަތީ ތައުލީ މަށް ބަލައިލާ އިރު،މަތީ ތައުލީމް ހާސިލްކުރެއްވީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިންނެވެ. އެ ދާއިރާއިން ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖެ ވަޑައިގެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑް މެންބަރުކަމާއި، އެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުވެސްވަނީ ފުރުއްވާފައެވެ. އަދި މި ސަރުކާރުގެ އިގްތިސާދީ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތުގައިވެސް އިސްކޮށް ހުންނެވީ އަދީބެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށް ރަށުގައި ޒުވާނުންނަށް ފުޓްސަލް އެރީނާ ތައް ހައްދަވައި ދެއްވިއެވެ. މިހާރުރާއްޖޭގައި ކުރިއަށްމިދާ މާލެ ހުޅުމާލެ ބުރިޖްގެ މަޝްރޫއާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި އަދީބު އަދާކޮށްފައިވާ ދައުރަކީ ވެސް ފާހަގަކޮށްލަންޖެހޭ ފަދަބޮޑު ދައުރެކެވެ

2015 ވަނަ އަހަރު ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެމަނިކުފާނު ހައްޔަރުކުރެވި، މިއަދު އެމަނިކުފާނު ގެންދަވަނީ 33 އަހަރުގެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ

އަދީބުގެ އާއިލާގެ ހުރިހާ މެމްބަރުން ނާއި އަނބިކަނބަލުންގެ އުންމީދަކީ ކުރިއަށް ހުރި އަދީބުގެ އުފަންދުވަސް ތައް އާއިލާއާއިއެކު އުފަލުގައި ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އަދީބު މިނިވަން ވުމެވެ. އުފަންދުވަހާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން ނަޝްވާ އަދި އަދީބުގެ ކޮއްކޮ ވެސްވަނީ ޓްވިޓަރ ގައި އަދީބަށް އުފަންދުވަހުގެ މެސްޖްތައް ލިޔެފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ދަނީ ދުވަހުގެ ތަހުނިޔާ ފޮނުވާ އަދީބަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ. އަދި އެހެން ގައިދީނާ ތަފާތު ނުކޮށް އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދިނުމަށާއި، އަދީބު މިނިވަންކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ

އަރައިގެންދިޔަ ބާރު މިނާއެކު އަދީބުގެ ތަރި އޮއްސިގެން ދިޔަ ނަމަވެސް އަދިވެސް ޒުވާނުންނާއި ގުޅޭ ކޮންމެ ކަމެއް ހަރަކާތެއް ކުރިއަށްދާއިރު އަދީބުގެ ހަނދާންތަކަކީ ފަޑުނުވާ ހަނދާންތަކެކެވެ. ޒުވާނުންގެ ކުރިއެރުމަށްޓަކައި އަދީބް ކުރެއްވި މަސައްކަތްތަކަކީ އަދިވެސް ޒުވާނުން އެކަމަށް ޝުކުރުވެރިވާ ކަންތައްތަކެ.

“އޭއޯ ނިއުސް” ޓީމުން އަދީބަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ