އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަކަށް ދާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމަށް ފަހު ގައި ކަމަށް ޖުމުހޫރީ ޕާޓީން ބުނެފިއެވެ.
ކުނޫޒު ކުރިމަތީގައި ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަކަށް ދާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމަށް ފަހު އިލެކްޝަންސް ކޮމިޝަން ވެސް މިނިވަންކޮށްފައި ކަމަށެވެ
“އިދިކޮޅު ފަރާތްތަކުން ހުއްޓާނުލާ ކޮންމެ ރެއަކު އިހްތިޖާޖްތައް ކުރިއަށް ގެންދިއުމަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމުގެ ހެއްކެއް” ސަމީރު ވިދާޅުވިއެވެ.
.މީގެ އިތުރުން ސަމީރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގަބޫލުކުރާ އުސޫލުތަކެއް އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ރައީސް އަހްމަދު ޝަރީފް އެ މަގާމަށް ގެނައި ގޮތް އިދިކޮޅު ފަރާތްތަކުން ގަބޫލުނުކުރާއިރު މިނިވަން ކަމެއް ނެތް ކޮމިޝަނަކަށް ދޭނެ މައުލޫމާތެއް ވެސް ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރުވަނީ މަޖިލިސް ހިސާރުކޮށްގެން ނުތިބުމަށާއި އެތަނަށް މެންބަރުންނަށް ވަނުމަށް ފުރުސަތު ދިނުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައެވެ.
އިދިކޮޅު ފަރާތްތަކަށް ޖަލުތަކުގައި އަނިޔާވެރިވަމުންދާ އިރު ވަރަށް އަވަހަށް އެގޮޅިތައް ތަޖުރިބާ ކުރަން ރައީސް ޔާމީނަށް ޖައްސާނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމުން ދުރުކުރާނީ ވެސް ޖަލަށްލާނީ ވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާނޫނީ އިމުގެ ތެރެއިން ގޮޅިއެއްގައި ރައީސް ޔާމީން ހައްޔަރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވަވާ ކަމަށް ވިދާޅުވަމުން ސަމީރު ވިދާޅުވީ މި އަނިޔާވެރިކަން ހުއްޓުވުމަށްފަހު އަދި ރައީސް ޔާމިން ބޭލުމަށްފަހު ނޫނިއްޔާ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.