އެސްޓީއޯ މާލޭ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކުލަބް އާއި އީގަލްސް ބައްދަލު ކުރި މެޗު ޓީސީއިން ކާމިޔާބު ކޮށްފިއެވެ.
އެންމެ ފަހުން ނިމިދިޔަ ދެ ސީޒަންގައި ވެސް މާލޭ ލީގުގެ ދެވަނަ މަގާމް ހޯދި ޓީސީ އިން ރޭގެ މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޓީސީއިން ކާމިޔާބުކޮށްފައިވަނީ އީގަލްސްގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު ހަބޭސް އިއްބެއަށް ކުރި ފައުލްއަކުން ޓީސީއަށް ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވްއެވެ. އީގަލްސްއިން ވެސް ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޑުއާޑޯ އެވެ. އެހެން ނަމަވެސް ޓީސީއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އާރީގެ ލަނޑުން ދެވަނަ ފަހަރަށް އަލުން ލީޑު ނަގާފައެވެ.
ފުރަތަމަ ހާފް ޓީސީ ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭގައި އީގަލްސްގެ ރިޒޭ ފޮނުވާލި ބޯޅައެއް ޓީސީގެ ކެޕްޓަން ފައްރަ އަތުން ބްލޮކްކުރުމުން ލިބުނު ޕެނެލްޓީއެއްގައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ އަނަޓޯލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި ނަމަވެސް ޓީސީން ވަނީ މެޗުގެ 82 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ލަނޑުން މެޗުގެ ލީޑު އަނެއްކާވެސް ހޯދާފައެވެ.