މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކަޅުދުވަހެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޚުދުމުޚުތާރުވެރިކަން ފެއިލްވާނެ ކަމަށާއި ރައްޔިތުންނަށް އަބަދުވެސް ކާމިޔާބުމިންވަރު ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީބަދަލުކޮށްފި ކަމަށްވާނަމަ ގޮނޑި ގެއްލޭ ގޮތަށް ސްޕްރީމްކޯޓުން މިއަދު ހުކުމްކުރެއްވުމުންނެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ޑިމޮކްރަސީއަށް ކަޅުދުވަހަކަށްވިޔަސް އެއްވެސް މީހަކު އެކަމާ ކަންބޮޑުނުވުމަށެވެ. އެންމެފަހުން ކާމިޔާބުވާނީ ރައްޔިތުންނަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީސްގެ މެންބަރުން އެހެންޕާޓީއަކަށް ސޮއިކުރައްވައިފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ކަމަށްވާނަމަ ގޮނޑި ގެއްލޭގޮތަށް ސްޕްރީމްކޯޓުން މިއަދު ނިންމެވީ ދައުލަތުގެ ބަންޑާރަނާއިބު މުހައްމަދު އަނިލް ސްޕްރީމްކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން އެގޮތަށް ނިންމެވިއިރު އެ މައްސަލައިގެ ތެރެއަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުގެ އެތަކެއް މެންބަރުންނާއި ގާނޫނީވަކީލުންވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ފުރުސަތެއް ދެއްވާފައެއް ނުވެއެވެ.