English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރިވެއްޖެ ކަމަށްވާނަމަ ކަންކަން ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވިޔަސް އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅުކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރިވެއްޖެނަމަ ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިޔަސް، އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު” ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މެންބަރުން ގަނެވިއްކާނެ ބާޒާރު ގެއްލިދާނެތީވެސް އިދިކޮޅުން ކަންބޮޑުވާ ކަމަށެވެ. އޭނާ މި ޓްވީޓް ކުރެއްވީ ރާއްޖެގޭ ސިޔާސީ މަސްރަހު ހަލަބޮލިވެ އެޕާޓީން 10 މެންބަރުން ވަކިވާން އެދިފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެންނެވެ. މަޖީލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް 45 މެންބަރުން ސޮއިކޮށް ހުށަހަޅައިފައިވާ ގަރާރުގައި ޕީޕީއެމްގެ 10 މެންބަރަކުވަނީ ސޮއިކުރައްވައިފައެވެ. އެ މައްސަލައަށްފަހު އެޕާޓީގެ ދިހަމެންބަރަކުވަނީ ޕާޓީންވަކިކޮށްދިނުމަށް އެދި ޕާޓީއަށް ސިޓީ ފޮނުވައިފައެވެ. އެހެންނަމަވެސް އެ މެންބަރުންގެ ސުލޫކީ މައްސަލަތަކެއް ހުށަހަޅިފައިވާތީ އެމައްސަލަ ބަލައި ނިމުމުގެ ކުރިން މެންބަރުން ވަކިކޮށްދެވެންނެތް ކަމަށް ޕީޕީއެމްއިންވަނީ އަންގަވާފައެވެ. އެކަމާ ގުޅިގެން ބައެއް މެންބަރުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.