ރަރައްޔިތުން ކުރި އުއްމީދުތަކުގައި ރައީސް ޔާމީން ކުލަ ޖައްސަވާދެއްވައިފިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރަހިމް ވިދާޅުވެއްޖެއެވެ.
ލ.އަތޮޅު ގަމުގައި ކުރިއަށް ދިޔަ “މި ތިބޫ ރައީސް ޔާމީނާއި އެކީ” ޖަލްސާގައި ވާހަކަ ދައްކަވަމުން ޠާރިޤް ވިދާޅުވީ، ދިރުމެއްވާ ތަނެއްގައި އުއްމީދެއްވާނެ ކަމަށް ރައީސް އަބަދުވެސް ވިދާޅުވާ ކަމަށާއި އުއްމީދީ ހުވަފެންތައް ދެކެން ހުރިޙާ ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އެގޮތުން ރައްޔިތުން ކުރެއްވި އުއްމީދުތަކުގައި ރައީސް ޔާމީން ކުލަ ޖައްސަވާ ދެއްވައިފިކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ޠާރިގު ވިދާޅުވީ ރައީސް ޔާމީން ސަރުކާރާއި ހަވާލުވި އިރު ނަރުދަމާ އެޅިފައި އޮތީ މާލެ ވެސް ހިމެނޭ ގޮތައް 31 ރަށުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި 21 ރަށުގައި ނަރުދަމާ ގާއިމުކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީ ގެ 75 އިންސައްތައަށް ހަރުދަނާ ނަރުދަނާ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.
މާލެ އާއި އަތޮޅުތަކުގެ ފަރަގު ކުޑަ ކުރައްވަން ކުރެއްވި މަސައްކަތްތަކުގެ ފޮނި މީރުކަން ރައްޔިތުން ދަނީ ލިބިގަންނަވަމުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ފެނުގެ ނިޒާމް ގާއިމް ކުރެވިފައި އޮތީ މާލެ ހިމެނޭ ގޮތައް ހަރަށުގައި ކަމަށެވެ. ނަމަވެސް މިހާރު 21 ރަށުގައި ރައީސް ޔާމީން ފެނުގެ ނިޒާމް ގާއިމް ކުރައްވައިފިކަމަށާއި އިތުރު 25 ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ ރައީސް ނަޝީދަށް ކުރެވުނު ކަމަކީ ރޭޑިއޯ ހިޠާބެއް ދެއްވުމާއި ޒުވާނުންގެ ކުރިމަގު ބަނަކޮށްލުމާއި އިޤުތިޞާދު ހަލާކު ކޮށްލުމާއި ގައުމު ވިއްކާލުން ކަމަށެވެ.