ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދު ހެނދުނު 11:30 އަށް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ބާއްވާއިރު ފާރިސް އަށް އެ ދައުވާ އުފުލާފައިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެެ އެވެ. ފާރިސް ވަނީ އެ މައްސަލައިގެ ލިޔެކިޔުންތައް މީގެ ކުރިން ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ ސާބިތުވެއްޖެ ނަމަ އޭނާ އަށް ނުވަ މަހާއި 18 މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވުމުގައި ފާރިސް އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކޮށް އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފާރިސްގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.