English Edition
Dhivehi Edition

އެލްޖީއޭއިން ގދ. ދެއްވަދޫ ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭއިން ގދ. ދެއްވަދޫ ކައުންސިލްގެ ރައީސް އަޙުމަދު ނަޖްމީން އާއި ނައިބް ރައީސް އިބްރާހީމް ތައުފީޤް، މުސާރަ އާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 1 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ މި އަހަރު ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ސަރުކާރަށް ގޮވާލާ ބަޔާނެއް ނެރުމުންނެވެ. މި ދެ މެމްބަރުން ސަސްޕެންޑް ކޮށްފައިވަނީ 1 މަސް ދުވަހަށެވެ.

އިއްޔެ އެލްޖީއޭ އިން ވަނީ ޅ.އަތޮޅު ކައުންސިލްގެ 2 މެމްބަރަކު ވެސް ސަސްޕެންޑް ކޮށްފައެވެ. އެ 2 މެމްބަރުންވެސް ސަސްޕެންޑް ކޮށްފައިވަނީ ހަމަ އެފަދަ ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށް އެލްޖީއޭ އިން ބުނެއެވެ. އެ ދެ މެމްބަރުން ސަސްޕެންޑް ކޮށްފައިވަނީ 6 މަސް ދުވަހަށެވެ.

އެލްޖީއޭގެ ސަސްޕެންޑް ލިސްޓަށް އެންމެ ފަހަށް ގދ. ދެއްވަދޫ 2 ކައުންސިލް މެމްބަރުން އިތުރުވި އިރު، މިހާތަނަށް މިވަނީ 11 ކައުންސިލެއްގެ 25 މެމްބަރުން މި ލިސްޓްގައި ހިމެނިފައެވެ. މީގެ ތެރޭގައި އައްޑޫ ސިޓީ މޭޔަރާއު ޑެޕިއުޓީ މޭޔަރު އަދި އިތުރު މެމްބަރަކު ހިމެނޭކަން ވެސް ފާހަގަ ކުރެވެއެވެ.