English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އާރުއޭފް ސަރަހައްދާ ދިމާ ލިންކުރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެކްސިޑެންޓްވީ އެމްއާރުޑީސީގެ ޕިކަޕެއްގެ ފަހަތުން އައި ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ރުކެއްގައިޖެހިގެން ކަމަށެވެ. މިހާދިސާގައި ކާރު ޖެހުނު ރުއް ވަނީ ވެއްޓިފައެވެ. އެކްސިޑެންޓުގައި ކާރަށްވެސްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ ޒުވާނަކަށާއި، 19 އަހަރުގެ ޒުވާނަކަށާއި، 21 އަހަރުގެ ތިން ޒުވާނުންނަށެވެ. އޭގެ ތެރެއިން ސީރިއަސް ހާލަތެއްގައި އޮތްކަމަށް ބެލެވެނީ 18 އަހަރުގެ ކުއްޖާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. އޭނާގެ ދަތްދޮޅިވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރަށް ބައެއް ތަންތަން މަށައިގެން ގޮސްފައިވެއެވެ. އަދި ކަރަށްވެސްވަނީ އަނިޔާވެފައެވެ. އެހެންވެ އޭނާ އައީސީޔޫއަށްލާން ޖެހޭކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ. 19 އަހަރުގެ ޒުވާނާގެ ފާތުފައިގެ ކަކުލާދިމާއިން ކަނޑައިގެންގޮސް، ބައެއްތަންތަންވަނީ މަށައިގެންގޮސްފައެވެ. 21 އަހަރުގެ ތިން މީހުންގެ ތެރެއިން އެކެއްގެ ލޮލުގެ ބޮނޑިމަތިވަނީ ޒަޚަމްވެފައެވެ. އޭގެ އިތުރަށް އޭނާގެވެސް ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފައެވެ. އަނެއް ދެމީހުންނަށް މާބޮޑު އަނިޔާތަކެއް ވެފައިނެތަސް އެ މީހުގެވެސް ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. އެ ފަސްމީހުންވެސް މިވަގުތު ތިބީ އޮބްޒަވޭޝަނުގައެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.