ޕިކަޕް ޑްރައިވަރުން އެމީހުން ކުރާ މަސައްކަތް ކުރުމަށް އެކަށީގެންވާ މާޙައުލެއް ނެތް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ހިމެނޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފިއެވެ.
ޕިކަޕް ޑްރައިވަރުން މިނިސްޓްރީއަށް ފޮނުވި ސިޓީގައި މަސައްކަތް ކުރުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކުރެވެން ދެން މިއަދުން ފެށިގެން މުދާ އުފުލުމުގެ މަސައްކަތް ހުއްޓާލާނެ ކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
ޑްރައިވަރުންނަށް އެމީހުންގެ މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެމީހުންގެ މަސައްކަތަށް ގެނެވުނު ބަދަލުގެ ސަބަބުން ދުވާލު ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ރޭގަނޑު މަސައްކަތް ކުރަން ޖެހުމުން އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ. އެއް ވަގުތެއްގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދު ފާކު ކުރާނެ ތަނެއް މާލޭގައި ނެތްކަމަށާއި އެހެން ވުމުގެ ސަބަބުން މިހާރު އޮތް ގޮތަށް އަމަލު ކުރުމުން ވަރަށް ގެއްލުން ވާނެ ކަމަށް ބުނެފައިވެއެވެ.
އިތުރަށް ފާހަގަ ކޮށްފައިވާ ކަންތަކުގެ ތެރޭގައި ޑްރައިވަރުންނަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މަސައްކަތެއް ކުރާ ބަޔަކަށް ވާއިރު އެކަށީގެންވާ އަރާމު ނުލިބި ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރަން މަޖުބޫރުވެފައި އޮންނަ އޮތުން އެއީ އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތައް މިންކުރާ މިންގަނޑުތަކާ ޚިލާފު ކަންކަން ކަމުގައި ޑްރައިވަރުން ދެކޭ ކަމަށްވެސް ލިޔެފައިވެއެވެ.