English Edition
Dhivehi Edition

އައްޑޫސިޓީގައި ތިއްބެވި ހައުސިންގް މިނިސްޓްރީގެ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ޑިޕާޓްމެންޓްގެ އިސްވެރިންނާ އައްޑޫސިޓީ ކައުންސިލުން ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރުން ބޭއްވީ އައްޑޫސިޓީގައި ގާއިމް ކޮށްފައިވާ ހައުސިން މިނިސްޓްރީގެ އިމާރާތުގައެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެ ބައްދަލުވުމަކީ ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގެ ބޭނުމަކީ އާ ދައުރުގެ ކައުންސިލަރުން ހައުސިންގް މިނިސްޓްރީގެ އިސް ވެރިންނަށް ތައާރަފްވުމެވެ. އޭގެ އިތުރަށް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހެއް އުފެއްދުމަކީވެސް އެ ބައްދަލުވުމުގެ މަގުސަދެކެވެ. އެ ބައްދަލުވުމުގައި ހައުސިންގް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު، ކޯޑިނޭޓަރ ހަސަން ނާޒިލް، ކޯޑިނޭޓަރ ޖަމީލުގެ އިތުރަށް އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އާންމުންގެ ފަރާތުން ކައުންސިލަށް ހުށެހެޅެމުންދާ ބައެއް ޝަކުވާތައް ހައުސިން މިނިސްޓްރީގެ ވެރިންނާ ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި މަގުބައްތި ނުދިއްލި ހުރުމާއި މަގުތައް ސާފުނުވެ އޮތުމުން ހިރަފުސް ގަދަވެ އޭގެ އުދަގޫ ކުރިމަތިވުމާއި، ބަނދަރުތަކުގެ ހާލަތު ރަނގަޅުކުރަންޖެހި އެކަން ނުވެފައިވާ ކަމުގެ ޝަކުވާ ހިމެނެއެވެ. ސިޓީ ކައުންސިލުންވަނީ އައްޑޫގެ ކޮންމެ އަވަށަކަށް ޝަކުވާގެ ދަފްތަރެއް ގާއިމް ކޮށްފައެވެ.