English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގައި ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނާއެކު މަޖިލިހަށް ވަދެ ރައީސް އަބްދުﷲ ޔާމީނުގެ އިތުބާރު ނެތް ކަމަށް ފާސްކުރާނެކަމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީނު ހުއްޓުވާފައި ނޫނީ ފެށި މަސައްކަތް ނުނިންމަވާނެ ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެ މެންބަރުންނާއެކު މަޖިލިސް ތެރެއިން ރައީސް ޔާމީން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެކަމަށާއި އެއީ ޤާނޫނުއަސާސީގައި އޮތް ޗެޕްޓަރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެކަން ކުރަންވީ ގޮތް ސަރީޙަކޮށް އެކަން އެބައޮތް ލިޔެފައި އެބައޮތް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

” އަޅުގަނޑުމެންގެ މި 12 މެންބަރުންނަކީ ހިތްވަރުގަދަ ބަތޮލުން. އެބޭފުޅުންނާއެކު ވަދެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައީސް ޔާމީން ހުއްޓުވާނަން” ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު އެއްވެސް މެމްބަރަކު މިފަހުން މަޖިލިސް އެއްވެސް ޖަލްސާއަކަށް ހާޒިރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން އައިޕީޔޫއިން ވެސް ވަނީ މުސާރަ ނަންގަވައިގެން މަޖިލީހުގެ މަސައްކަތަށް މެމްބަރުން ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.